530،000ރ އާއެކު ބިދޭސީއަކު ހިފެހެއްޓުމަށްފަހު އަތުލި ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް: ފުލުހުން

އިމިގްރޭޝަނުން ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެއްގައި 530،000 ރުފިޔާއާއެކު ބިދޭސީއަކު ހިފެހެއްޓުމަށްފަހު ދޫކޮށްލިއިރު، އޭނާއަތުގައި ހުރި ފައިސާ ކުރީގެ އިމިގ...

21 Mar 2025 | 17:49

އިމިގްރޭޝަނުން ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެއްގައި 530،000 ރުފިޔާއާއެކު ބިދޭސީއަކު ހިފެހެއްޓުމަށްފަހު ދޫކޮށްލިއިރު، އޭނާއަތުގައި ހުރި ފައިސާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާއާއެކު ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ބިދޭސީ މީހާ ޝަމްއާންގެ އެންގެވުމަށް އެރޭގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އެކަމުގައި އަމަލީ ގޮތުން އުޅުނު އިމިގްރޭޝަންގެ ދެ މުވައްޒަފަކު މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އޭނާ އަތުގައިހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ.

އަދި އެފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅުއްވާ ގެއަށް ކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"މި މައްސަލަ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި މުޙައްމަދު ޝަމްޙާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ރޭގެ ވަގުތެއްގައި ޝަމްއާން މަގާމުން ވަކިކޮށް އެ މަގާމަށް ވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އައްޔަންކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް