މަސްތުވާތަކެއްޗާއެކު މާލެއިން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ނަސީމީގޭ، އުމުރުން 46 އަހަރުގެ މުޙައްމަދު ޝާނީޒް އާއި ކ. މާލެ، މ. ސައިރިސް، އުމުރުން 39 އަހަރުގެ މުޙައްމަދު ޠިބާޤް އާއި ވ. ރަކީދޫ، ޖަންބުގޭ، އުމުރުން 35 އަހަރުގެ ފަރީދާ ޢަބްދުއްރަޙްމާންއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާފަންނު ގެ އެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކަމަށާއި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނަކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޠިބާޤް (39އ) އާއި ފަރީދާ ޢަބްދުއްރަޙްމާން (35އ) 15 ދުވަހަށް އަދި މުޙައްމަދު ޝާނީޒް (46އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް