އިސްރާއީލުން ވައިގެ ހަމަލަތަކެއް ދީ، ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލު ސުންނާފަތިކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ތުރްކިޝް-ޕަލަސްޓީނިއަން ފްރެންޑްޝިޕް ކެންސަރު ހޮސްޕިޓަލަށް ދިން ހަމަލާގައި އެ ހޮސްޕިޓަލު ވަނީ ބޭނުމެއް ނުކުރެވޭވަރަށް ސުންނާފަތިކޮށްލާފައެވެ.
ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި ހުންނަ އެ ހޮސްޕިޓަލަކީ އަހަރެއްގެ މައްޗަށް 10 ހާހަށްވުރެ ގިނަ ކެންސަރު ޕޭޝަންޓުންނަށް ޚިދުމަތްދެމުންދިޔަ ހޮސްޕިޓަލެއްކަން ފާހަގަކުރެވެއެވެ .
2017 ވަނަ އަހަރު 34 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން އަލުން މަރާމާތުކޮށް ހިދުމަތް ދޭން ފެށި ހޮސްޕިޓަލު މިއަދު ބިމާ ހަމަކޮށްލާފައިވާއިރު ހަމަލަ ބަދަލުކުރުން ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އިން ވި އެއްބަސްވުމާ ހިލާފުވެ އިސްރާއީލުން ވަނީ އަލުން ޣައްޒާއަށް ހަމަލަ ދޭން ފަށާފައެވެ.
އަލުން ހަމަލަ ދޭން ފެށުމަށްފަހު އިސްރާއީލުން ބުނެފައިވަނީ ހަމަލަތައް ހުއްޓާލާނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެންމެހާ އަސީރުން މިނިވަން ކުރުމުން ކަމަށެވެ.
ނަމަވެސް މުރާސިލުން ބުނާގޮތުގައި އިސްރާއީލުން އަލުން ހަމަލަދޭން ފެށީ ޣައްޒާ ހުސްކުރަން އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ގެންގުޅޭ ސިޔާސަތަށް މަގުފަހި ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް