އަލިފާނުގެ ހާދިސާއަކާ ގުޅިގެން ލަންޑަނުގެ ހީތުރޯ އެއާޕޯޓް ބަންދު – ރާއްޖޭގައިވެސް ފަތުރުވެރިންތަކެއް ތާށިވެފައި

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލަންޑަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން، ދުނިޔޭގެ ދެވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓުކަމުގައިވާ ހީތުރޯ އެއާޕޯޓު ބަންދުކުރަން ޖެހިއްޖެއެވެ. ބަ...

21 Mar 2025 | 11:25

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލަންޑަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން، ދުނިޔޭގެ ދެވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓުކަމުގައިވާ ހީތުރޯ އެއާޕޯޓު ބަންދުކުރަން ޖެހިއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ހީތުރޯ އެއާޕޯޓާއި ކައިރި ސަރަހައްދެއްގައި ހުރި އިލެކްޓްރިކް ސަބްސްޓޭޝަނެއްގައެވެ.

އަލިފާނުގެ އެ ހާދިސާ އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައިނުވާއިރު ހީތުރޯ އެއާޕޯޓާއި އެ އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑި ހީތުރޯ އެއާޕޯޓު ބަންދުކޮށްފައިވާއިރު މިއަދު އެކަނި އެ އެއާޕޯޓަށް 1300 ފްލައިޓް ޖައްސަން އޮތް ކަމަށާއި އެއާޕޯޓު ބަންދު ކުރިއިރު އެއާޕޯޓަށް 120 ފްލައިޓެއް ދަތުރުކުރަމުންދިޔަ ކަމަށްވެސް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގައިވެސް ބަޔަކު ތާށިވެފައި އެބަ ތިއްބެވެ. އެއީ ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އެ ގައުމަށް މިއަދާއި މިރޭ ދަތުރުކުރަން ތިބި ފަރާތްތައް ކަމުގައި ބުނެފައިވެއެވެ.

އެއާޕޯޓުގެ ހިދުމަތް އެންމެ އަވަހަށްވެސް ރުޖޫއަ ކުރެވޭނީ މިރޭގެ ދަންވަރުގެ ވަގުތެއްގައި ކަމުގައި ބެލެވޭކަމަށް އެ އެއާޕޯޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް