އިމިގްރޭޝަނާ ގުޅޭ ބޮޑު މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރިއަށް – ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފި

އިމިގްރޭޝަނާއި ގުޅޭ ބޮޑު މައްސަލައެއްގެ ތަހުގީގު ފަށާފައިވާކަން ފުލުހުން މިރޭ ފަށާފައިވާކަން ހާމަކޮށްފައިވާއިރު، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކޮށްފައިވާކަން ކަށަވަރުވެއްޖ...

20 Mar 2025 | 21:28

އިމިގްރޭޝަނާއި ގުޅޭ ބޮޑު މައްސަލައެއްގެ ތަހުގީގު ފަށާފައިވާކަން ފުލުހުން މިރޭ ފަށާފައިވާކަން ހާމަކޮށްފައިވާއިރު، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކޮށްފައިވާކަން ކަށަވަރުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މި ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން 20 މާރިޗް (މިރޭ) ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަހުޤީޤު ކުރިއަށް ދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށެވެ.

ފުލުހުން މިކަންކަން ހާމަކޮށްފައިވާއިރު އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކި ކުރިކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ސްޓޭޓް މިނިސްޓަރުން ފެންވަރު ބޭފުޅުންގެ ލިސްޓުން ޝަމްއާންގެ ނަން ވަނީ އުނިކޮށްފައެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައާއި ޝަމްއާން އާއި ގުޅުމެއް ވާކަން ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް