ހުޅުލޭ ރަންވޭއަށް ޖެއްސި އެއާ އިންޑިޔާގެ ފްލައިޓުން ފައިބައި، އެތައް ދިހަ އަހަރަކަށް ފަހު، އަމިއްލަ ފަސްގަނޑުގައި ފައިޖެހުމުން ނިޝާންއަށް ކުރެވިގެންދިޔައީ ތަފާތު އިހުސާސެކެވެ. ހިތުގެ ތެޅުމާއި ވިންދު އަވަސްވެގެން ދިޔައެވެ. އަމިއްލަ ވަޒަނުގައި ބީރަށްޓެހި ކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. އެއާ އިންޑިއާގެ ބޯޓުން ފޭބި، ހަމައެކަނި ދިވެއްސަކީ ނިޝާނެވެ. ނޫނެކެވެ. އޭނާއަކީވެސް މުޅިއަކުން ދިވެއްސެއް ނޫނެވެ. އެއީ އިންޑިއާގައި އާބާދުވި ދިވެހިނަސްލުގެ އިންޑިއާ މީހެކެވެ. އެހެނީ އޭނާއަކީ އެއްޒަމާނެއްގައި ދިވެއްސަކަށް ވީނަމަވެސް މިއަދު އިންޑިއާގެ ރައްޔިތެކެވެ. ވިހޭ މަސް މާލޭގައި ވަޅުލެވިފައި އޮތަސް މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނަށް ދާންދެން ދިރި އުޅެނީ އިންޑިއާގައެވެ.
އެއާއިންޑިއާގެ ބޯޓުން ހުޅުލެއަށް ފޭބި އިންޑީއާގެ މަތީ ފަންތީގެ ވެރިންނާއި އަސްކަރިއްޔާގެ އޮފިސަރުންނާއި އެކު އެމީހުންގެ ފަހަތުން ނިޝާންވެސް ހިނގަމުން ދިޔައެވެ. ވަށައިގެން ފެންނަމުންދާ މަންޒަރުތަކަށް ބަލަމުންނެވެ. ސާފުކޮށްފައިވާ ރަންވޭމަތީގައި އެންމެ ކުނިކޮޅެއް ނެތްނަމަވެސް ދެން ވަށައިގެން ފެންނަން ހުރީ، ފުނިފުންޏަށް ޖަހާފައިވާ ކުނިތަކެވެ. އެކުނިތައް އުކާލުމާއި ވީރާނާވެފައިވާ އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ގާކުނޑިތައް ނަގައި ބިން ސާފު ކުރުމުގައި އެތައް ސަތޭކަ ބަޔަކު މަސައްކަތްކުރަމުން ދެއެވެ. އެކަމަކު އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. ހުސް ބިދޭސީންނެވެ. އިންޑިއާ މީހުންނެވެ.
" ފަންސާސް އަހަރަށް ފަހު އަހަރެމެން މިތަން މިއާބާދު ކުރަނީ، އަހަރެމެންގެ ޤައުމުގެ ބައެއްގެ ގޮތުގައި" ކުރިން ހުޅުލޭގެ އެރައިވަލް ޓާމިނަލް ހުރިތަނުގައި ޖަހާފައިވާ ބޮޑު ޓެންޓްގެ ތެރެއަށް ވަންނަމުން އިންޑިޔާގެ އިސްވެރިއަކު ފަހުރުވެރި ވެލާފައި ބުންޏެވެ.
ނިޝާންއަށް ހިނިތުންވެލެވުނެވެ. އެއަޑު އަހާފައެވެ. އުފަލަކުން ނޫނެވެ. އަމިއްލަ ނަފުސަށްދެވޭ ލަޢުނަތަކުންނެވެ.
މޫނު އަނބުރާލި ކޮންމެ ދިމާއަކުން ފެންނަނީ ފަޅު ކަމާއި ވީރާނާކަމެވެ. އިމާރާތްތައް ވެއްޓިފައެވެ. ޤައުމީ އެއާލައިންގެ މަތިންތާ ބޯޓުތައް ތަރުތީބެއް ނެތި އޭޕްރަން މަތީގައި އުކިފައެވެ. ބައެއް ބޯޓުތަކުގެ ފިޔަގަނޑުތައް ބިނދިފައި، އަދި އަނެއްބައި ބޯޓުތަކުގެ ލޭނޑިންގ ގިއަރތައް ނެޓިވެއްޓިފައި ހުރި އިރު، މުޅި ސަރަހައްދުވެސް ފެންނަނީ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައެވެ. ކޮންމެ އެއްޗަކާއި ކޮންމެ މަންޒަރެއް ދޭހަކޮށްދެނީ އިންތިހާއީ ވީރާނާކަމެވެ. އުންމީދެއް ނެތް ހަޔާތެކެވެ. ގަސްތައް މަރުވެ ރުއްތަކުގެ ކުރިތައް ވެއްޓިފައެވެ. ވެހިކަލްތައް މަގުތައް މަތީގައި ދަބަރަށް ފޮޅިފައެވެ.
ހުޅުލެ ސާފު ކުރުމުގެ މަސައްކަތާއި އަލުން ބިނާކުރުމަށް ހަދާފައިވާ ޕްލޭން ބެލުމަށް ފަހު އިންޑިއާގެ ޓީމުން ބޭނުންވީ، ވެރިރަށް މާލޭގެ ހާލަތު ބަލާލަން ދާށެވެ. މާލެ އޮތީ އަދި އޮތް ގޮތަށެވެ. އެމީހުންގެ ވިސްނުމާއި ތިޔަރީވެސް މޮޅީއެވެ. ފުރަތަމަ ތަނަކީ ރާއްޖޭގެ މައިދޮރާއްޓެވެ. ހުޅުލެއެވެ. އެތަނަށް އުޅަނދުފަހަރަށް އާދެވިގެން ނޫނީ ރާއްޖޭގެ އެހެން ހިސާބުތަކަށް ދެވެން ނޯންނާނެތީއެވެ.
ފުރަތަމަ އެމީހުން ނިންމީ ހުޅުލެ ސާފުކުރުމުގައި ހަރަކާތްތެރި ވަމުންދާ އިންޑިއާ އަސްކަރިއްޔާގެ ބޮޑު ބަހެއްގައި އެއްގަމު މަގުން މާލެ ދާށެވެ. އެހެން ނަމަވެސް މަރާމާތުކޮށް ނުބެލެހެއްޓި އެތައް އަހަރެއް ދިޔުމާއިއެކު މާލެ ހުޅުލެ ބުރިޖުގެ ބައެއް ވެއްޓިފައިވާތީ އެއްގަމުން މަގުން ދެވޭކަށް ނެތެވެ. އެހެން ކަމުން ނިޝާން އާއި އެޓީމްގައި ހިމެނޭ އެހެން މީހުން މާލެއަށް ފުރީ، ހުޅުލޭ ބަނދަރުގައި އޮތް އިންޑިއާ އަސްކަރިއްޔާގެ ކުޑަ މަނަވަރެއްގައެވެ.
މާލޭގެ ފަޅަށް ވަދެވޭނެ އެއްވެސް ދިމާއެއް ނެތުމުން މަނަވަރު ގާތްކުރީ މާލޭގެ ކޮމާޝަލް ހާބަރުގެ މަގަތު ފާލަމަށެވެ. އެތަނަށްވެސް ގާތްކުރެވުނީ، އެފާލަމާއި ކައިރިއަށް އެތައް އާގު ބޯޓެއް ފެތިފައި އޮތުމާއި ގުޅިގެން އެތައް އިރެއް ވީފަހުންނެވެ. އޭރު ހަވީރުގެ ފިނިޖެހިއްޖެއެވެ.
ކޮމާޝަލް ހާބަރުތެރެއިންވެސް ނިޝާންއަށް ފެނުނީ ވީރާނާކަމެވެ. ބޮޑެތި ކޮންޓެއިނާތައް ފުންޏަކަށް ޖެހިފައެވެ. ކޮންޓެއިނާތައް އުފުލާ ބޮޑެތި ވެހިކަލްތައް ދަބަރަށް ފޮޅިފައެވެ. ހާބަރު ތެރޭގައި ހެދިފައި ހުރި އިމާރާތްތަކުގެ ބައިތައް ވެއްޓި މުޅިން ވީރާނާވެފައެވެ. ކޮމާޝަލް ހާބަރުގެ ތެރެއިން ބޮޑުތަކުރުފާނު މަގަށް ނުކުމެފައި ޓީމާއި ވަކިވެ ވަކީން މާލެތެރެ ބަލާލަން ދިއުމުގެ ހުއްދައަކަށް ނިޝާން އެދުނެވެ. ޓީމުގައި އިސްކޮށް ހުރި އޮފިސަރު އެހުއްދަ ދެމުން ނިޝާންގެ އަތަށް ދިނީ ސެޓަލައިޓް ފޯނެކެވެ. ޓީމަށް ވާނުވާ އަންގާށޭ ބުނެފައެވެ.
މާލެއައި އިންޑިއާ ޓީމުގެ މީހުން ހިނގައިގަތީ ބޮޑުތަކުރުފާނު މަގުން ވެސްޓް ޕާކާއި ވީކޮޅަށެވެ. ފަހަރުގައި އެމީހުން އެދަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ހާލަތު ބަލާލުމަށް ކަމުގައި ވެދާނެ ކަމަށް ނިޝާން ހީކުރިއެވެ.
ވަށައިގެން ހޯދަމުން ނިޝާން ހިނގަމުން ދިޔައެވެ. ކުންޏާއި ވެއްޓިފައިވާ އިމާރާތްތަކާއި ބޯ ހިރަފުހުގެ ސަބަބުން މަގުމަގުގެ ބައެއް ހިސާބުތައް ވަނީ ބެދިފައެވެ. ސައިކަލްތަކާއި ޕިކަޕްތަކާއި ކާރުތައް މަގުގެ އަރިއަރިމަތީގައި ހުރެ ދަބަރަށްވެ ދަނީއެވެ. އުތުރު ބަނދަރުގައި އަޅާފައި އޮތް ހުރިހާ އޮޑި ދޯނިފަހަރާއި ބޯޓުތައްވެސް ވަނީ ފެތިފައެވެ.
މުޅިމާލެ ވަނީ ހިމޭންވެފައެވެ. ހީވަނީ އެތައް ޒަމާނެއްވީ ބޮޑު ގަބުރުސްތާނެއް ހެންނެވެ. ވައިރޯޅިއެއްވެސް ނުވާ ހިކި ހޫނު ދުވަހެއްގެ ހަވީރު ވަމުން އައި ވަގުތު ކަމަށް ވުމާއި އެކު، މަގުމަގުން އެއްގަމަށް ދިޔައިރު، މުޅި މާހައުލަށް ވެރިވެފައިވާ މަރުގެ ހަމަހިމޭން ކަމުގެ ސަބަބުން ނިޝާންގެ ކަންފަތްވެސް ބައްގަތެވެ.
އިސްލާމީ މަރުކަޒާއި ބަންޑާރަކޮއްޓާއި ދެމެދު އޮތް ވެލިމަގު އަމީރު އަހުމަދު މަގާއި ގުޅުނު ކަންމައްޗަށް ނިޝާން ހުއްޓުނެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. ޖުމުހޫރީ މައިދާން އޮތީ ކުނިން ފުރިފައެވެ. ހުރިހާ ގަސްތަކެއް މަރުވެ ގޮފިތައް ފީވެ ބިނދިވެއްޓެމުން ގޮސް ކިރިޔާވެސް ފެންނަން ހުރީ ގަސްތަކުގެ ބުޑުތަކެވެ. ސިފައިންގޭގެ މައިފާރުގެ ބައެއް ދިމަދިމާވަނީ ވެއްޓިފައެވެ. އިރުމަތި ފަރާތުން ފެންނަން ހުރި ބިޔަ ހުސައިން އާދަމް ބިލްޑިންގވެސް ހުރީ މުޅިން ވީރާނާވެފައެވެ. މަތީ ފްލޯތަކުގެ ބައެއް ފާރުތައްވެސް ވެއްޓިފައިވާ އިރު، ބޮޑަށް ފެންނަން ހުރީ އިމާރާތުގެ އޮނިގަނޑެވެ.
"މިރަށް މަރުވެފައިވާގޮތް ކަލެއަށް ފެނިއްޖެ ހެއްޔެވެ" ނިޝާން ދިޔައީ ސިއްސައިގެންނެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. ނިޝާންއަށް ހީވީ މީހަކު އޭނާގެ ކަންފަތް ދަށުގައި އެއްޗެއް ބުނިހެންނެވެ. އެނާއަށް އެނބުރެވުނީ އިސްލާމީ މަރުކަޒާއި ދިމާއަށެވެ. މުޅިމާލޭގެ އިމާރާތްތައް ވީރާނާވެ ނެތިގެން ދާއިރުވެސް އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރުގެ ގުއްބު އަސުރުން ތިރިވެފައިވާ އިރުގެ ރަންދަޅައިގެ ތެރޭގައި ވިދަމުން ދިޔައެވެ.
ނިޝާންގެ މެއަށް ފިނިވެގެން ދިޔައެވެ. ފަސްދޮޅަސް ހަތަރު އަހަރު ކުރީގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ. ނިޝާން އެހެރީ ނިޝާންގެ ބައްޕައާއި އެކު އެދުވަހު ހުރިތާނގައެވެ. މިއަދު ހަތްދިހައިން މަތިވެފައި ހުއްޓަސް އޭރު އޭނާ އަކީވެސް ހައެއްކަ އަހަރުގެ ކުޑަކުއްޖެވެ.
އެދުވަހު ޖުމުހޫރީ މައިދާނުގައި އޮތީ މިނިވަން ކަމަށް 100 އަހަރު ފުރުމުގެ ކުލަގަދަ ރަސްމިއްޔާތު ތަކެވެ. އުފާފާޅުކުރުންތަކެވެ. އެއުފާވެރި މާހައުލުގައި ހުރެފައި ކުއްލިއަކަށް ހިތަށް އައި އެއްޗެއް ނިޝާން އަށް ބުނެވުނީއެވެ. "މާތް ﷲ މިރަށް ފަޅުތަނެއްގެ ގޮތުގައި ލައްވާ ދުވަހު އޮންނާނީ ހެއްޔެވެ؟" ނިޝާން އެހެން ބުނުމުން ނިޝާންގެ ބައްޕަ ނިޝާންގެ އަނގަމަތީގައި އަތްއެޅިއެވެ. މިޔުޒިކާއި ލަވަޔާއި ހަޅޭކުގެ އަޑު އިސްލާމީ މަރުކަޒުގެ މުންނާރުން މަޣުރިބު ނަމާދަށް ގޮވަމުން ބަންގީގެ އަޑަށްވުރެވެސް ގަދަވެފައި، އެވަގުތު ހަވާވެސް އަރުވަންފެށުމާއި އެކު ނިޝާންއަށް ބުނެވުނު އެއްޗެއް އޭނާގެ ބައްޕަ ފިޔަވައި ޖެހިގެން ހުރި މީހާއަށްވެސް ނީވުނެވެ. އިވުނު ނަމަވެސް އެމީހުން އެކަމާއި އަޅައެއް ނުލީހެވެ.
ނިޝާންގެ ހިތަށް ވަންނަމުން ދިޔައީ އެދުވަހާއި މިދުވަހެވެ. އިސްލާމީ މަރުކަޒުގެ ހަރުފަތްތަކުން ނިޝާން މައްޗަށް އަރަމުން ދިޔައެވެ. މިސްކިތުގެ މައިދޮރުމައްޗަށް ހުއްޓިފައި ނިޝާން މާނޭވާއެއް ލިއެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތެވެ. އެކަމަކު މިވީ ފަސްދޮޅަސް އަހަރުގެ ތެރޭގައި އެމިސްކިތް ހުރީ ފަޅަށެވެ. އެއް އިރަކު ކޮންމެ ނަމާދަކަށް މީހުންނާއިގެ ފުރިފައި އޮންނަ އެމިސްކިތަށް އަރާ މީހުން މަދުވަމުން މަދުވަމުން ގޮސް އެންމެ ފަހުން މާލޭގައި އާބާދީއެއް އޮވެ މިސްކިތް ފަޅުވާ ހިސާބަށް ދިޔަފަހުން މާލެ އޭގެ އަޖަލާއި ކުރިމަތި ލީއެވެ.
އެހަނދާން ހުރި ދިވެހިންގެ ތެރޭގައި ހިމެނޭނީ ނިޝާން ފަދަ މަދު މީހެކެވެ. އެހެނީ ދިވެހި ނަސްލުގެ އެތައްޖީލެއް މިއަދު ދިވެހި ފަސްގަނޑުން ބޭރުގައި އުފަންވެ އާބާދުވެއްޖެއެވެ. ދިވެހިފަސްގަނޑަށް އުފަންވި ދިވެހީންގެ ޖީލުތައް މަރުވެ ނިމިދާއިރު، އިންޑިޔާގެ ބިމުގައި ދިވެހި ޖީލުތައް އައީ ހެދި މޫލަމުންނެވެ.
މާލެއަކީ މީހުންނާއިގެން ނުކަތާފައި އޮތްތަނެކެވެ. ބިންދަތިވެ އިމާރާތްތައް އުސްވަމުން ދިޔައީ ވިހި ތިރީސް ބުރިއަށެވެ. ކޮލިޓީއާއި ރައްކާތެރި ކަމަށްވުރެ ވިޔަފާރި އަށެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމަކަށްވުރެ އިޤުތިޞާދަށެވެ. އިމާރާތެއް ވެއްޓުމުގެ ހާދިސާއެއް ނުހިނގާ މަހެއް ނުދެއެވެ. ކޮންކްރީޓް ޖަގަންޔެއްގެ ގޮތުގައި ސިފަވާ މާލޭގެ ކޮންކްރީޓްތައް ބައުވެ ހަސްފަސްވެ ނެތި މީހުންގެ ފުރާނަ ގެއްލެމުން ދިޔައިރުވެސް އެކަމާއި މެދު ސަމާލުކަމެއް ދޭ މީހަކުނެތީއެވެ. ހުޅުމާލެ އާބާދު ވަމުން ދިޔަ ނަމަވެސް މާލޭގެ ބިމަށް އޮތް ބާރު ކުޑަނުވެ އެންމެ ފަހުން، މާލެ އޭގެ ނިމުމާއި ކުރިމަތިލީއެވެ.
މާލޭގެ ބިމުން ފުރަތަމަ ރެނދު ފެނުނީ ހުކުރު ދުވަހެއްގެ ހެނދުނުއެވެ. އެއީ 2066 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދުވަހެކެވެ. އެދުވަހު މީޑިޔާތަކުން އެނޫން ވާހަކައެއް ނުދައްކައެވެ. ސްޓެލްކޯ އާއި ދިމާއިން ފެށިގެން އެކި ހިސާބު ތަކުން މަސްވެރިންގެ ޕާކާއި ހަމައަށް ރިއްދަނޑިއެއްގެ ފޫ ވަންނަ ވަރުގެ ދިގުރެނދެއް ފެނުނު ވާހަކައެވެ. އެކަމަކު އެކަމާއި ކަންބޮޑުވި މީހަކު ނެތެވެ. މުނިސިޕަލްކަންކަމުގައި ހަރަކާތްތެރިވާމީހުން އެތަންތަނަށް ފަސްއަޅައި އަދި ދުރުވިތަންތަނަށް ހެޔޮވަރުވާގޮތަށް ގާއަތުރާލީއެވެ. އެހިސާބުން އެކަން ނިމުނީއެވެ.
ދެންއައީ ނިމުމުގެ ދުވަހެވެ. އޭގެ އަހަރެއް ފަހުންނެވެ. އެއީ އައު އަހަރު ފާހަގަ ކުރުމަށް ލޮނު ޒިޔާރަތްކޮޅު މޫންބޭ މެރީނާގައި ކުލަގަދަ ޕާޓީތައް ބޭއްވި ރެއެވެ. ހާދިސާ ހިނގީ ބާރަޖެހި ވަގުތު އެކި ދިމަދިމާއި އެތައް ހާސް ހަވައެއް އެއްފަހަރާ ރޯކޮށްލި ވަގުތުގައެވެ. އެރޭ ނިޝާން ހުރީ މަޖީދީމަގަށްވާ ގޮތަށް ހުރި 30 ބުރީގެ ފްލެޓް ކޮމްޕްލެސްގެ 29 ވަނަ ބުރީގެ ބެލްކަނީގައެވެ. ބައްޕަ ޝަހާދަތް ކިޔައި ގަތް ވަގުތު މުޅިމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ހަވާ ގޮވާ އަޑާއި އެކުވެގެން ކަރަންޓް ކެނޑިގެން ދިޔުމާއި އެކު އިވެން ފެށީ އެއަށްވުރެ ބާރު އަޑެކެވެ. ތަންތަން ފުނޑުފުނޑުވަމުންދާ އަޑެވެ. އެއީ ހަނދުވަރު ރީތި ރެއަކަށްވާތީ، ބެލްކަނީގައި ތިބި އިރު ނިޝާން އާއި އޭނާގެ ބައްޕައަށް މާލޭގެ އިރުދެކުނު ފަރާތުން ބިންގަނޑު ކަނޑައިގެން ގޮސް އިމާރަތްތައް ވެއްޓެމުން ދިޔަ މަންޒަރު ފެނުނެވެ. އެމަންޒަރުތަކުގެ ތެރޭން ދެން ފެނުނީ އިރުމަތި ފަރާތުން އުފުލާލި ބިޔަ ރާޅެކެވެ. ނިޝާން ހަނދާން ހުންނަނީ އެވަރަށެވެ. ދެން އޭނާއަށް އެނގުނީ މައިން ބަފައިން ކިޔައިދީފައިވާ ވާހަކަތަކެވެ.
އިރު އަރައި އަލިވި އިރު މާލެ ފެންނަން އޮތީ ފަޅު ވީރާނާ ތަނެއްގެ ގޮތުގައެވެ. އެތައް ހާސް ބަޔަކު މަރުވެ ދިޔައިރު ސަލާމަތްވީ ނުވެއްޓި ހުރި އުސް އިމާރާތްތަކުގައި ތިބި މަދު މީސްކޮޅެވެ. ހުރިހާކަމެއް ޖަމާވެފައި އޮތީ މާލެއަށް އަށްކަމުން އަތޮޅުތަކާއި ދުނިޔޭގެ އެކިކަންކޮޅަށްވެސް ޚަބަރެއް ފޯރާ ވަރުވީ ދެތިން ދުވަސް ފަހުންނެވެ. އޭރު މާލޭގައި ދިރިތިބި މީސްކޮޅުވެސް ތިބީ ބަނޑުހައި ހޫނުކަމުގައި ޖެހިފައެވެ. މާލެ ނެތިދިޔުމުން އަތޮޅުތަކުގެ ރައްޔިތުންވެސް ބަނޑުހައި ހޫނު ކަމުގައި ޖެހުނީއެވެ.
ރާއްޖޭގެ ހާލަތު ފެނި އެންމެ ފުރަތަމަ އެހީވާން އައީ އަބަދުވެސް ކޮންމެ ކަމެއްގައި ރާއްޖެއަށް އެހީވާ އިންޑިޔާއިންނެވެ. ރާއްޖޭގައި ލައްކައެއްހާ އިންޑިޔާގެ ލޭބަރުންވެސް އުޅޭތީ އާއި އެކު ގައެވެ. އެމީހުން އައީ މަނަވަރުތަކުގައެވެ. އެއާޕޯޓު ހަލާކުވެ ފްލައިޓެއްވެސް ޖެއްސޭވަރު ނުވާތީއެވެ. އިންޑިއާއިން ބޭނުންވީ ދިވެހިން އެޤައުމަށް ގެންދާށެވެ. ރެފިއުޖީންގެ ގޮތުގައެވެ. ރާއްޖޭގައި މީހުން ބައިތިއްބައިގެން އިންސާނީ އެހީވެސް ނުދެވޭނެތީއެވެ.
މާލެ ފަޅުވުމުން ރާއްޖޭގެ އެހެން ރަށްރަށުގައި ތިބި މީހުންނަށްވެސް މަޖުބޫރުވީ އިންޑިޔާގެ ރެފިއުޖީ ކޭމްޕްތަކަށް ހިޖުރަކުރާށެވެ. އެންމެ ކުޑަމިނުން މާލެ ނެތް ރާއްޖެއެއްގައި ކައި ބޮއި އުނު އޮރިޔާން ނިވާކޮށްލާނެ ފަދައެއްވެސް ނެތުމުންނެވެ. އަންޒަމާނުއްސުރެ ރާއްޖެ ތަރައްޤީވަމުން އައީ އެގޮތުގައި ކަމަށް ވުމުންނެވެ.
އިސްލާމީ މަރުކަޒުގައި އަސުރު ނަމާދުކޮށްލުމަށްފަހު، ނިޝާން މިސްކިތުން ފޭބިއެވެ. އޭނާ ޖުމުހޫރީ މައިދާނާއި ވީ ފަރާތަށް ނުކުތް އިރު ޖުމުހޫރީ މައިދާނުގައި އޭގެ ސަތޭކަ އަހަރަށްވުރެ ކުރިން ހަދާފައިވާ ބޮޑުދިދައިގެ ދަނޑިއަށް ހުރީ އިންޑިއާގެ ދިދަ ނަގާފައެވެ. އިންޑިއާގެ ވަފުދުގެ މީހުން އޭރު އެތާނގައި ތިބެ ފޮޓޯ ނަގަމުން ދިޔައެވެ. ނިޝާން ދުރުގައި އެމަންޒަރު ބަލަން ހުއްޓެވެ.
ދިވެހިރާއްޖެ ފަޅުވެ ދިޔަ ފަހުން 50 އަހަރު ވީއެވެ. މިފަސްގަނޑަށް އުފަންވި މީހުންގެ ތެރޭގައި މިހާރު ތިބީ އިނގިލިން ގުނާލެވޭހާ މަދުބައެކެވެ. އިންޑިއާގެ ބައެއް ގޮތުގައި ދިވެހިރާއްޖެއޭ ކިޔުނު ބިމާއި ކަނޑުފަޅުތައް ދުނިޔެ ޤަބޫލު ކުރުމަށް ފަހުވެސް، އިންޑިއާގެ ފަސްގަނޑުގައި އުފަންވީ ދިވެހީން އެނބުރި ރާއްޖެ އަންނާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ރާއްޖެ އަލުން ދިރޭނީ އެހެން ބައެއްގެ ތަނެއްގެ ގޮތުގައި ކަން ނިޝާންއަށް ވިސްނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް