ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ގައި ރައީސް ޞާލިހާއި އެމްޑީޕީގެ ރައީސް ނަޝީދު ވާދަކުރައްވާ ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފައްޓަވައިފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ އަދާލަތާއި އެމްޑީއޭ އާއިއެކު މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު މުލިއާގޭ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބާއި ކައިރި ވަމުން އަންނަ އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައިބައި ވުންތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ ވަކި އަސާސްތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއް ކަމަށެވެ.
އެހެންކަމުން އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ނިންމާފައި ކަމަށް ރައީސް ޞާލިހް ވިދާޅުވި އެވެ.
ހަމައެހެންމެ، އެނިންމުމާއި އެއްގޮތަށް ހުރިހާ މެމްބަރުން އެކީގައި ކުރިއަށް ދިއުން ނޫންގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މިގޮތުން އެމްޑީޕީގައި އަމަލު ކުރަން ޖެހޭ އުސޫލުތަކަކާއި ގަވައިދުތަކެއް އެބަހުރި ކަމަށާއި، މަސައްކަތް ކުރައްވަން ވާނީ އޭގެ ތެރެއިން ކަމަށާއި ވަކި ފެކްޝަނެއް ހަދައިގެން ކަންކަން ކުރާކަށް ޖާގައެއް ނޯންނާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އަށް އިލެކްޝަންސް ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތް ޕާޓީގެ ހުރިހާ މެމްބަރުން ކުރުން ކަމަށާއި އެ ނޫން ކަމެއް އިންތިހާބާ ގުޅޭ ގޮތަކުން ދެން ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް