އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އަންނާނެ: ރައީސް

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އަށް އެކީގައި މަސައްކަތް ނުކުރެވޭނަމަ، މިހާރު އޮތް ކޯލިޝަނ...

21 Mar 2023 | 15:24

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އަށް އެކީގައި މަސައްކަތް ނުކުރެވޭނަމަ، މިހާރު އޮތް ކޯލިޝަން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އަދާލަތާއި އެމްޑީއޭއާއިއެކު އުފައްދާފައިވާ ކޯލިޝަނާއި އެކު މިއަދު ބޭއްވި މަޝްވަރާތަކަށްފަހު މުލިއާގޭ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ރިޔާސީ އިންތިޚާބަކާއި ކުރިމަތިލާއިރު އެކީގައި ކުރިއަށް ނުދެވޭނަމަ އެބަޔަކު ޖެހޭނީ ކޯލިޝަނުން ވަކިވާން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް މިހާރު އޮތް ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އިން ދޭނެ ޖަވާބަކަށް އަދިވެސް އިންތިޒާރު ކުރަމުން ދާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ ހިޔާލު ތަފާތުވާ ބައެއްގެ ތެރޭގައި ޑިޒިޝަންތަކެއް ނަގާ އިރު ތިބޭ ކަމުގައިވާ ނަމަ، އެކަމެއް އެގޮތަކަށް ނުވާނެ ކަމަށާއި ދައުރު ނިމެންދެން އެކީގައި ތިބެން އެގްރިމެންޓެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ އެއީ އަކުރުން އަކުރަށް މާނަ ކުރީމަ އޮންނަ ގޮތް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު، އެކީގައި ނުތިބެވޭ ނަމަ، އެއޮތީ އެގްރީމަންޓް ނިމުމަކަށް ގެންނަން ޖެހޭ ހިސާބަށް ގޮސްފައި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް