މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 5،000 ރުފިޔާ ދޭން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިކަން ހާމަކޮށް އެމްޕީއެލް އިން މިއަދު ބުނީ އެ ކުންފުނީގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރު ތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް މި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އެއީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭ 3،000 ރުފިޔާގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،000 ރުފިޔާ އެވެ.
އެމްޕީއެލުން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށްދޭ ރަމަޟާންމަހުގެ އިނާޔަތުގެ އިތުރުން 2000 ރުފިޔާ ދޭން ނިންމީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރޯދަމަހުވެސް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްވާތީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ހަމަ އެހެންމެ ރަމަޟާން މަހަކީ މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދުތައް އިތުރުވާ މަހަކަށް ވާއިރު، އެ ކުންފުނީގެ އޮޕަރޭޝަންތައް އޮމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށް އެމްޕީއެލުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޕީއެލުން ބުނީ އެ ކުންފުނީގެ ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓުގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަކީވެސް ރަމަޟާންމަހު ވަރަށް ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށް ވާތީ، އެ މުވައްޒަފުންގެ އަގުވެސް ކުންފުނިން ފާހަގަ ކުރާ ކަމަށެވެ.
އެމްޕީއެލްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށްވެސް ވަނީ ރޯދަ އިނާޔަތާއި އެކު ހަދިޔާގެ ގޮތުގައި2،000 ރުފިޔާ ދީފައި އެވެ. އެ ކުންފުނީގެ މުވައްޒަފުންނަށްވެސް5،000 ރުފިޔާ ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް