ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ރަސްމީކޮށް ހަވާލު ކޮށްފި އެވެ.
މިނިސްޓްރީ އާއި މި ކަދުރު ހަވާލުކޮށްދެއްވީ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަކާއި އެކު ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހަފްތާގައި ކަދުރު ބަހަން އިއުލާނު ކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައި ވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ. އަދި ރާއްޖެއާއި އެ ޤައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ޤައުމުން ހެޔޮއެދޭކަން ފާހަގަ ކުރެއްވި އެވެ.
އެ ޤައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް