ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ސަސްޕެންޑު ކޮށްފި

ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު، ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށްފިއެވެ. އޭނާ ސަސްޕެންޑްކޮށްފައިމިވަނީ ރޭގައި ރައީސް ސޯލިހްގެ މޮޓޯކޭޑު ހުއްޓުވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައ...

21 Mar 2023 | 12:52

ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު، ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށްފިއެވެ.

އޭނާ ސަސްޕެންޑްކޮށްފައިމިވަނީ ރޭގައި ރައީސް ސޯލިހްގެ މޮޓޯކޭޑު ހުއްޓުވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެކަމާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން، މިހާރު ވަނީ މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެމަތިން، ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިންގް އޮފިޝަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށާއި އަދި ޕްރެސިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ހަލީމްއާ ހަވާލުކުރައްވާފައި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހާއްސަ ކޮމިޓީއެއް މިހާރުވާނީ އެކުވަލާލާފައި ކަމަށާއި މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމިޓީއެއް ކަމަށެވެ.

ރައީސްގެ މޮޓޯކޭޑު ރޭގައި ހުއްޓުމަކަށް އައީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން މުޒާހަރާކުރަމުންދިޔަ ވަގުތެއްގައި އެ މުޒާހަރާގެ ތެރެއިން ކަހަލަގޮތަކަށް މޮޓޯކޭޑު ދަތުރުކުރަން އުޅުމުގެ ތެރޭގައެވެ.

މުޒާހަރާއެއް ކުރިއަށްދަނިކޮށް ރައީސްގެ މޮޓޯކޭޑު އެ މަގުން ދަތުރުކުރުމުން މިކަމުގައި އެމްއެންޑީއެފަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް