ސްކޫލް ކުދިންގެ ލަވަ މުބާރާތް އަލުން ބާއްވަން ފަށަނީ

އިންޓަ ސްކޫލް ލަވަ މުބާރާތް އަލުން ފަށަން ނިންމައިފި އެވެ. މި މުބާރާތް މިފަހަރު ކުރިޔަށް ގެންދަން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ، ނެޝަނަލް ސެންޓާ ފޯ ދި އާޓްސް، ޕީއެސްއެމް އަދި ޔޫތް މިނިސްޓްރީ ...

21 Mar 2023 | 09:12

އިންޓަ ސްކޫލް ލަވަ މުބާރާތް އަލުން ފަށަން ނިންމައިފި އެވެ.

މި މުބާރާތް މިފަހަރު ކުރިޔަށް ގެންދަން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ، ނެޝަނަލް ސެންޓާ ފޯ ދި އާޓްސް، ޕީއެސްއެމް އަދި ޔޫތް މިނިސްޓްރީ ގުޅިގެންނެވެ. މީގެ ކުރީގެ މުބާރާތްތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބައިވެރިވެވޭ ގޮތަށެވެ.

ޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. އާޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ ސްކޫލް ކުދިންގެ މެދުގައި ލަވަ ކިޔުމާއި މިއުޒިކުގެ ފަންނު ކުރިއެރުމުގެ އިތުރުން އަމިއްލަ ވަންތަ ރާގާއި މިއުޒިކްގެ އުފެއްދުން އިތުރު ކުރުމެވެ.

މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަހަރަކު އެއްފަހަރު އެވެ. މިއަހަރުގެ މުބާރާތް ޖޫން 16-24 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުރިހާ ސްކޫލްތަކަށް ވަނީ ހުޅުވާލާފައި އެވެ.

އިންޑިވިޖުއަލް ޕާފޯމަންސްގައި ވާދަކުރާނީ ދެ ބަޔަކަށް ބަހާލެވިގެން ޖުމްލަ ހަ އުމުރު ފުރައެއްގަ އެވެ. އެއީ ޖޫނިއާ ގްރޫޕާއި ސީނިއާ ގްރޫޕެވެ. ދެން އޮންނާނީ ގްރޫޕް ހުށަހެޅުމެވެ.

ޖޫނިއާ ގްރޫޕުގައި ވާދަކުރާނީ ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާތަކުގެ ދަރިވަރުންނެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް