ރާއްޖޭގެ ގައުމީ ޓީމާއި ޕާކިސްތާން ގައުމީ ޓީމު ބައްދަލުކުރާ އެކުވެރިކަމުގެ ފުޓުބޯޅަ މެޗު މިއަދު ހަވީރު ލާމު ގަމުގައި

ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމާއި އެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ރަސްމީ އެކުވެރިކަމުގެ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމުގައި މިއަދު ކުޅޭނެއެވެ. މާލެ އާއި އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއް...

21 Mar 2023 | 09:06

ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމާއި އެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ރަސްމީ އެކުވެރިކަމުގެ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމުގައި މިއަދު ކުޅޭނެއެވެ.

މާލެ އާއި އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއްގައި ގައުމީ ސީނިއަ ފުޓްބޯޅަ ޓީމުން ކުޅޭ ފުރަތަމަ ތާރީޚީ މެޗު މިއަދު މެންދުރު ފަހު ލ.ގަން ޒޯން ސްޓޭޑިއަމުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗު ފަށާނީ  15:45 ގަ ގައެވެ.

ފީފާގެ ސަސްޕެންޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު ޕާކިސްތާން ޓީމުން މިއަދު ރާއްޖެއާއި ދެކޮޅަށް ނުކުންނައިރު، މި މެޗަކީ ފީފާ ރޭންކިންގައި ގުނާނެ މެޗެކެވެ.

މިއަދުގެ މެޗާއި ގުޅޭގޮތުން ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙުލޫފް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މެޗަށް ރާއްޖެއާއި ޕާކިސްތާން ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި ބޯ ޖަންގަންޔެއް ސާފުކޮށް ލ.ގަމުގައި އަޅާފައިވާ އައު ދަނޑުގައި ކުޅޭ މި މެޗު 15:45 ގައި ފަށާނޭކަމަށެވެ. އަދި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރާ މި މެޗު ޔެސްޓީވީން ލައިވްކޮށް ދައްކާނެ ކަމަށް ވެސް މަޙުލޫފް ވަނީ ވިދާޅުވެފައެވެ.

މި މެޗަކީ ރާއްޖެއާއި ޕާކިސްތާންފެ ފުޓްބޯޅަ ތާރީޚުގައި ކުޅޭ ތިންވަނަ އެކުވެރިކަމުގެ މެޗެވެ. މީގެ ކުރިން އެކުވެރިކަމުގެ ދެ މެޗެއް މި ދެޓީމުން ވަނީ ކުޅެފައެވެ. އެއީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުޅުނު މެޗާއި ހަމަ އެ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުޅުނުމެޗެވެ.

ރާއްޖެއާއި ޕާކިސްތާން މީގެ ކުރިން ވާދަވެރި އަށް މެޗެއްގައި ވަނީ ބައްދަލުކޮށްފައެވެ. ރާއްޖެއާއި ޕާކިސްތާން ވާދަވެރި މެޗެއްގައި އެންމެ ފުރަތަމަ ބައްދަލުކުރީ 1985 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ސައުތް އޭސިއަން ފެޑެރޭޝަން ގޭމްސްގައެވެ. އެ މެޗު 1-3 އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ޕާކިސްތާނުންނެވެ. އޭގެ ފަހުން ހަމަ މި މުބާރާތުގައި 1987 ވަނަ އަހަރު ނޮވެމްބަރު މަހުގެ 30 ގައި ބައްދަލުކުރިއިރު، މި މެޗު ވެސް 0-1 އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ޕާކިސްތާނުންނެވެ. އަދި 1989 ވަނަ އަހަރުގައާއި 1991 ވަނަ ވާދަކުރި މެޗުތަކުންވެސް ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވަނީ ޕާކިސްތާން ޓީމުންނެވެ.

ރާއްޖެއަށް ޕާކިސްތާންގެ މައްޗަށް އެންމެ ފުރަތަމަ ކުރި ހޯދުނީ 2003 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް މުބާރާތުގައެވެ. އެފަހަރު ޕާކިސްތާނުގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 0-1 ގެ ނަތީޖާއިންނެވެ. އޭގެ ފަހުން 2005 ވަނަ އަހަރު މި ދެޓީމު ބައްދަލުކުރި މެޗު އެއް ވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ،2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް މުބާރާތުގައި ޕާކިސްތާނާއި ވާދަކޮށް ރާއްޖެ ކުރި ހޯދީ 0-3 ގެ ނަތީޖާއިންނެވެ. 2011 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕު މުބާރާތުގައި މި ދެޓީމު ބައްދަލުކުރި މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް