ނަޝީދުގެ "ކިއްލާ މާލެ" ފޮތް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ކިއްލާ މާލެ" ފޮތް ނެރުއްވައިފި އެވެ. ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފޮތުގައި ހިމެނޭނީ 2008 ވަނަ އަހަރު ވެރިކ...

21 Mar 2023 | 07:10

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ކިއްލާ މާލެ" ފޮތް ނެރުއްވައިފި އެވެ.

ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފޮތުގައި ހިމެނޭނީ 2008 ވަނަ އަހަރު ވެރިކަން ބަދަލުވުމާއި ގުޅިގެން އޭރުގެ ރައީސް އޮފީހަށް ގެނައި ތަކެތީގެ ތެރޭގައި ރަންޖެހި ކޮށީގައި ހުރި ހައެއްކަ ފޮށި ގަނޑުން ލިބުނު މައުލޫމާތައް ކަމަށެވެ.

ފޮތް އެކުލަވާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އާންމުކޮށް ލިޔެވެމުން ދަނީ ވެރިންގެ ތާރީޚު ކަމަށް ވާތީ އެ ނޫން ގޮތަކަށް ރާއްޖޭގެ ޒަމާންތައް ރައްޔިތުންނަށް ދެއްކުމަށް ކަމަށް ވިދާޅުވި އެވެ.

"ކިއްލާ މާލެ" މި ފޮތް މައިގަނޑު ގޮތަކަށް ބަހާފައިވަނީ މާލޭގެ 4 އަވަށަށެވެ. މީގެ ތެރެއިން މައްޗަންގޮޅީން، ރިނބުދޫކޮށި، ވައިދެރަމަގާއި ނިކަގަސްމަގު، މުއިވެޔޮދޮށް، ބޮޑުގަލު ދަރިކޮޅު އަދި ތިލަދުންމަތީން އައިސް މައްޗަންގޮޅީގައި ވަޒަންވެރިވެފައިވާ މީހުނަށް ބައްލަވާލާފައި ވެއެވެ.

މާފަންނުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ މާފަންނު ކުޑަކޮށި ކިޔާ ހިސާބަށާއި، އީދުމިސްކިތްދޮށުގެ ހިސާބު ގަނޑަށެވެ. ގަލޮޅުން، ބަބުރުންކޮށީގެ ޙަޤީޤަތަށް އަލިއަޅުވާލާފައި ވެއެވެ. ހެންވޭރުން ނާނޭ ބުރުޒުގެ އާދައާ ޚިލާފު ތާރީޚަށް ސަމާލުކަން ގެނެސްދެއްވާފައި ވެއެވެ.

ނަޝީދުގެ ފޮތުގައި މާލޭގައި ޒަމާނުއް ސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެއާއިލާތަކުގެ މަތިކޮޅާއި ގުޅޭ އެކިއެކި މައުލޫމާތުތައް ހިމެނެ އެވެ.

މީގެކުރިންވެސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ރާއްޖޭގެ ތާރީހާއި ބެހޭގޮތުން ފޮތްތައް ލިޔުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ނެރުއްވި ފޮތަކީ "ދެރަދުން" އެވެ. އެއީ 2020 ވަނަ އަހަރު ނެރުއްވި ފޮތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް