އއ. ބޮޑުފުޅަދުއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އާމިނަތު ނާޖިލާ ލުތުފީ، ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮއްވާ ފެނިފައިވާއިރު ނާޖިލާގެ ނިޔާވެފައިވަނީ ގަސްތުގައި މީހަކު ނުވަތަ ބަޔަކު ދީފައިވާ ހަމަލާޔަކުން ކަމުގައި ބޮޑުފުޅަދޫގައި ވާހަކަ ދެކެވެމުން އެބަދެއެވެ. ނަމަވެސް މިފަދަ މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ނާޝިދު ވިދާޅުވީ ނާޖިލާ ނިޔާވި ހަބަރު ހަމަ ދެންމެ ލިބިފައިވާކަމަށާއި އިތުުރު މާ ގިނަ މައުލޫމާތެއް އެނގި ނުލައްވާކަމަށެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ނާޖިލާއަކީ އެ ރަށު އަންހެނަކާއި މާލޭ ފިރިހެނެއްގެ ދަރިއެއް ކަމަށާއި ނާޖިލާ ނިޔާވި ހަބަރު ރަށުތެރޭގައި މިހާރު ފެތުރިފައިވާއިރު ނާޖިލާ ނިޔާވުމާއިމެދު ރަށުތެރޭގައި ވާހަކަ ހުރީ ތަފާތު ގޮތަަކަށްކަމަށެވެ. އެގޮތުން ނާޖިލާ އަށް މީހަކު ނުވަތަ ބަޔަކު ހަމަލާ ދީފައިވާ ބީދައިން ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
މި މައްސަލައިގާ ޕޮލިހުން ބުނެފައިވަނީ ކ. ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައިއޮތްކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނާޖިލާ އެ ގެސްޓްހައުސްއަށް ޗެކިން ވީ މިދިޔަ ބުދަ ދުވަހުގައެވެ.
ނާޖިލާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު އެއްގޮތަކަށްވެސް ހަބަރެއް ނުވެގެން ފުލުހުންގެ އެހީގައި ކޮޓަރީގެ ދޮރު ހުޅުވައިގެން ބެލި ބެލުމުންނެވެ.
ނާޖިލާގެ ހަށިގަނޑު ގާފަރު ސިއްހީ މަރުކަޒުގައި އޮތް އިރު ނާޖިލާގެ ކަރަށް ތޫނުއެއްޗެއް ހަރާލާފައިވާކަމަށް ބެލެވޭކަމަށް ދުވަަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ. އަދި ކޮޓަރިތެރެއިން ލެޔާއެކު ވަޅިއެއް ފެނުނު ކަމަށްވެސް ދުވަަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް