ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށަން ހައި ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ބުނެ ބޭރުކޮށްލާފައިވަނީ މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތުމުންނެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހު އެ މައްސަލަ ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.
ކުރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތްކަމަށެވެ. ނަމަވެސް އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ ކަމަށް މިސްބާހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް