ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް (ޑަބްލިއު.ޑީ.އެސް.ޑީ) ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 21 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2006 ވަނަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު އުފަންވާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 6،000 ތުއްތު ކުދިންނަށް ޑައުންސިންޑްރޯމްގެ އަސަރު ކުރެއެވެ.
އިންސާނުންގެ ސެލްތަކުގައި އާންމު ގޮތެއްގައި 23 ޖޯޑު ކްރޮމޮސޯމް ހުރެއެވެ. ކޮންމެ ޖޯޑެއްގައި އެއް ކްރޮމޮސޯމް ލިބެނީ ބައްޕަގެ ފަރާތުން، އަނެއް ކްރޯމޮސޯމް ލިބެނީ މަންމަގެ ފަރާތުންނެވެ.
.ޑައުން ސިންޑްރޯމް ގެ ނަތީޖާ އަކީ ކްރޮމޮސޯމް 21 ގައި ހިމެނޭ އާދަޔާ ޚިލާފު ސެލް ޑިވިޝަން އެއް ދިމާވުމުންނެވެ. މި ސެލް ޑިވިޝަން އާދަޔާ ޚިލާފު ކަންތައްތަކުގެ ސަބަބުން އިތުރު ޕާރޝަލް ނުވަތަ ފުލް ކްރޮމޮސޯމް 21 އުފެދެއެވެ. މި އެކްސްޓްރާ ޖެނެޓިކް މެޓީރިއަލް އަކީ ޑައުން ސިންޑްރޯމްގެ ސިފަތަކާއި ހެދިބޮޑުވުމަށް ދިމާވާ މައްސަލަތައް ކުރިމަތިވާ ސަބަަބެވެ.މިކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުން ލަސްވެ، ނުކުޅެދުންތެރިކަން ކުރިމަތިވެއެވެ.
ޑައުން ސިންޑްރޯމްގެ ބައެއް ސިފަތަކުގެ ތެރޭގައި ކަރު ކުރުވުން، ބޮލުގެ ފުށްކިބަ ފަތާވުން، ނޭފަތް ފަތާވުން، ދޫ ކުޑަކޮށް ބޭރަށް ނިކުމެފައި ހުރުން އަދި އިސްކޮޅުން ކުރުވުން ހިމެނެއެވެ.
މީގެ އިތުރުން އެފަދަ ކުދިންގެ ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުރުމާއެކު ވަކިކަމަކަށް ވިސްނުން ހުސްކޮށްލައިގެން ހުރުން އުނދަގޫވާނެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ހުރިހާ މީހުންގެ ގައިން މި އަލާމާތްތައް ނުފެނިވެސް ހިނގައިދާނެއެވެ. އަދި އެކި މީހުންގެ ފަރާތުން މި އަލާމާތްތައް ފެންނަ މިންވަރު ތަފާތުވާނެއެވެ.
ޑައުން ސިންޑްރޯމް ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ މި ނުކުޅެދުންތެރިކަމާއި މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި
މުުޖުތަމަޢުގައި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ޝާމިލުވުން އިތުރުކޮށް ކުރިއެރުވުމަށެވެ.
މީގެ އިތުރުން އެފަދަ ފަރާތްތަކަށް ލިބެންވާ ހަމަހަމަ ފުރުސަތުތަކާއި ބެހޭގޮތުން ވަކާލާތުކުރުމަށް ބާރުއެޅުމަށާއި، ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުން މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމުގެ ތެރޭގައި ހިމެނެއެވެ.
ޑައުން ސިންޑްރޯމަކީ މީހާގެ މުޅި އުމުރަށް ތަހައްމަލް ކުރަންޖެހޭފަދަ ނުކުޅެދުންތެރިކަމެކެވެ.
އެހެން ނަމަވެސް ހާލަތު އިތުރަށް ގޯސް ވިޔަ ނުދީ އެކަށީގެންވާ ފަރުވާ ލިބެމުންދާ ކަމުގައިވާނަމަ ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
އެގޮތުން މިއަދު ޑައުން ސިންޑްރޯމް ހުންނަ މީހެއްގެ އުމުރު ލަފާކުރެވެނީ، ސިއްހީ މައްސަލަތަކުގެ ނުރައްކާތެރިކަން ހުރި މިންވަރުގެ މައްޗަށް ބިނާކޮށެވެ.
ހަމައެހެންމެ މިފަދަ ކުއްޖެއްގެ ނުކުޅެދުންތެރިކަން ކުރީކޮޅު ދެނެގަނެވި، ކުއްޖާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅިއްޖެނަމަ މުސްތަގުބަލުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް