އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކުރިޔަށް ގެންދަން ނިންމާފައިވާ "ނޭވާ ހޮޅިއަށް" ހަރަކާތާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ޗެއިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް ދޮގުކޮށްފި އެވެ.
އެ ހަރަކާތާއި ގުޅޭގޮތުން އިމްރާން ވާހަކަ ދެއްކެވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. އިމްރާން ވިދާޅުވީ އެ ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަން އިންތިޒާމް ކުރާ ފަރާތައް އަންގާފައިވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާޏު ހީނާ ވަލީދު ވިދާޅުވީ މިނިސްޓަރު މިއަދު މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ވިދާޅުވީ އެހަރަކާތް ދާނީ ކުރިޔަށް ކަމަށެވެ.
އޭނާ ވިދާޅުވީ 25 ވަނަ ދުވަހު އޮންނަ ހަރަކާތާއި ގުޅޭގޮތުން ސަރުކާރާއި އެއްވެސް ބައްދަލުވުމެއް ނުބާއްވާ ކަމަށެވެ. އަދި މިހާތަނަށް އިދިކޮޅު ކޯލިޝަނާއި އެއްވެސް މުއާމަލާތެއް ކުރެވިފައިނުވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެދުވަހު ބާއްވަން މަސައްކަތް ކުރަމަުން ދަނީ ގާނޫނާއި ހިލާފު އެއްވުމެއް ކަމަށެވެ. އެހެންވެ ހަރަކާތް އިންތިޒާމު ކުރާ ފަރާތުގެ ސަމާލުކަމަށް ގެނެސް ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަން އަންގާފައިވާނެ ކަމަށެވެ.
މި ހަރަކާތަކީ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން މިއަހަރު ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މީގެ ކުރިން އިންޑިއާ އައުޓްގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރުމަށް ފަހު މިހާރު އެ ހަރަކާތް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފަ އެވެ.
އެގޮތުން މިދިޔަ ހަފްތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޅައިފަރަށް ވަޑައިގެން އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް