ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގަ ދެ ގައުމުގެ ރައީސުންގެ މެދުގައި ބާއްވާ މަޝްވަރާތަކުން ހަނގުރާމަ ހުއްޓާލަން އެއްބަސް ނުވެވިއްޖެ ނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލަޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ފެށުނީންސުރެ ރަޝިއާ އާއި ޔޫކްރެއިންގެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ދަނީ މަޝްވަރާތައް ކުރަމުންނެވެ. މިހާތަނަށް އެ މަޝްވަރާތަކުން ހަނގުރާމަ ހުއްޓާލުމަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު ރައީސް ޒެލެންސްކީ ވަނީ ރަޝިއާގެ ރައިސް ލަޑިމިއާ ޕުޓިން އާއި މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފަ އެވެ.
މި ބައްދަލުވުމަށް ޕުޓިން އެއްބަސްވެވަޑައިގެންފައިވާއިރު ޒެލެންސްކީ އިއްޔެ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ހުންނެވީ ޕުޓިން އާއި ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި މިދިޔަ ދެ އަހަރުވެސް އޭނާ ހުންނެވީ ޕުޓިން އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓާލުމަށް އޮތީ އެއް ޕަސެންޓުގެ ޔަގީން ކަންކަމަށް ވާނަމަ އެ ފުރުސަތުގެ ބޭނުން ދެ ގައުމުގެ ރައީސުން ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުން ގެއްލި މައުސޫމް އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ މި މަޝްވަރާތަކުން އަލިމަގެއް ހޯދައި ހަނގުރާމަ އިތުރަށް ފުޅާވެ ހާލަތު ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އާންމުކޮށްފައިވާ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ތިން މިލިއަނަށްވުރެ ގިނަ އާންމުން ރެފިއުޖީންނަށް ވެފައިވާ ކަމަށެވެ. އަދި އެތައް ހާސް ބަޔަކު މިހާތަނަށް މަރުވެފައިވާ ކަމަށެވެ.
ޔޫކްރެއިން ހަނގުރާމައިގަ ރަޝިއާ ސިފައިންގެ14،000 އަށްވުރެ ގިނަ ސިފައިން މިހާތަނަށް މަރުވެފައިވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް