އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ބޭނުންވާ ލޯނު ވަރަށް ކުޑަ އިންޓަރެސްޓަކާ އެކު ސައޫދީ ފަންޑުން ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑޜ މުހައްމަދު ޝައިނީ ނޫސްވެރިންނަށް ވިދާޅުވީ، އެއާޕޯޓް ތަރައްްގީ ކުރަން މީގެ ކުރިން ވެސް ސައޫދީ ފަންޑުން އެހީތެރިވެފައިވާތީ، އަނެއްކާ ވެސް އެކަން އެގޮތަށް ކުރިއަށް ގެންދަން އެ ގައުމުން ޝައުގުވެރިވާ ކަމަށެވެ. އެގޮތުން ދޭއް އިންސައްތައިގެ އިންޓރެސްޓަކާއި އެކު ލޯން ދޭނެ ކަމަށް ސައުދީ ފަންޑުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަައިނީ ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި ދިވެހި ވަފުދެއް ސައޫދީ އަށް ގޮސް އިތުރަށް މަޝްވަރާކޮށް، އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ އިތުރުން އެހެން ބައެއް ކަންކަމަށް ވެސް ސައޫދީގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް މަސައްކަތްތަކާއި އެއާޕޯޓުގެ އެހެން ބައެއް ޕްރޮޖެކްޓްތައް ހިމެނޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އެ ލޯން ކުޑަ އިންޓަރެސްޓަކާއި އެކު ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ދސައުދީ ފަންޑާއި އެކު މަޝްވަރާތަކެއް ކުރިކަަމަށާއި އެ މަޝްވަރާތަކުގައި އެއާޕޯޓުގެ އިތުރުން ހުޅުމާލެ ތަރައްގީ ކުރުމަށް ލޯން ދިނުމަށް ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ.
އަދި ރާއްޖެ އާއި ސައޫދީއާ ދެމެދު ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެއްބަސްވުންތަކެއް ސޮއިކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދީނީ ކަންކަމާއި ދިފާއީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓްތަކާ ގުޅޭ އެއްބަސްވުންތައް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިޔައީ މަޝްރޫއުތަކެއް ވެސް ހިފައިގެން. އަޅުގަނޑުމެން ދިޔައީ މަޝްރޫއުތަކުގެ އިތުރުން ސަރުކާރަށް ބޭނުންވާ އެހެން ބައެއް ކަންތައްތަކުގެ ވާހަކަ ވެސް ދަންނަވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސައޫދީ ދަތުރުފުޅުގެ ނަތީޖާ އަކީ، ދިވެހި ސަރުކާރުން އެދުނު ވަރަށް ގިނަ ކަންކަން ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހިވިކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް