ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން އިތުރު 1،000 ކޯޓާ ހަމަޖައްސައިދީފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދުގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް މިހާރު ދީފައިވާ 1،000 ކޯޓާގެ އިތުރުން 1،000 ކޯޓާ ސައޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. ޑރ ޝަހީމް ވިދާޅުވީ އެއީ އެއްވެސް ގައުމަކަށް ނުދެއްވާ ވަރުގެ އިނާޔަތެއް ކަމަށާއި މިހާރު ރާއްޖެއަށް ޖުމްލަ 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބިގެން ދިޔައީ ކަމަށެވެ.
"އެހެންވީމާ މި އަހަރަށް ފަހުގައި، ރާއްޖޭގެ ދާއިމީ ހައްޖު ކޯޓާގެ އަދަދު ވެގެންދާނީ 2،000. އެއީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި ވަރަށް މަތިވެރި ހަދިޔާއެއް،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޓާ ހަމަޖައްސައި ދިނުމުގެ އިތުރުންދިވެހި ހައްޖުވެރިންނަށް މައްކާގައި ހޮޓަލެއް އިމާރާތް ކުރުމުގެ މަޝްރޫ އާއި ބެހޭގޮތުން ދެ ސަރުކާރު ދެމެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ދަށުން މައްކާއިން އެ ބިން ހޯދައިދިނުމަށް ސައުދީ ސަރުކާރުން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާޢްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އެޅޫމުގެ ހުރިހާ ކަމެއްގައި ސައުދީ ސަރުކާރުން އެހީވާ ނިންމާފައިވާއިރު ވަރަށް އަވަހަށް ސައުދީގެ އިސްލާމިކް މިނިސްޓަރު ރާޢްޖެ ވަޑައިގެން ޔުނިވާސިޓީގެ މަސައްކަތުގެ އިތުރުން އިސްލާމީ ކަންތައްތަކަށް ބޭނުންވާ އެހީތެރިކަން އޮޅުންފިލުވާ ރާއްޖެއަށް އެހީތެރިވުމަށް އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ ދަށުން ސައުދީން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ޖާގަ 150 އަށް ވަނީ އިތުރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް