ނަޝީދު މިނިވަން ކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުން ލައިލާ އެދިވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ރާވަމުންގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖަލުން މިނިވަންކޮށްދިނުމަށް މަސައްކަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެން...

21 Mar 2015 | 08:51

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ރާވަމުންގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖަލުން މިނިވަންކޮށްދިނުމަށް މަސައްކަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެހީތެރިކަމަށް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެދިވަޑައިގެންފި އެވެ.

ލައިލާ މިކަމަށް އެދިވަޑައިގެންފައިވާ ކަން ހާމަކޮށްފައިވަނީ އިންޑިއާގެ އިކޮނޮމިކް ޓައިމްސްއަށް އެކަމަނާ ދެއްވާފައިވާ އިންޓަވިއުއެއްގަ އެވެ.

އިކޮނޮމިކް ޓައިމްސްގައި ލައިލަ އާއި ހަވާލާ ދީ ބުނެފައިވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ދިވެހި ސަރުކާރުގެ އަމަލުތައް އިންޑިއާ އިން ކުށްވެރިކޮށްފައިވާތީ މަރުހަބާ ދަންނަވާ ކަމަށެވެ. އެކަމަކު އޭގެ އިތުރަށް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު ސަލާތްކޮށްދެއްވުމަށް އިންޑިއާ އިން އިތުރު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

“އަޅުގަނޑަކަށް ނޭނގޭ މިކަން ބޮޑުވަޒީރު މޯދީ ކުރައްވާނެ ގޮތެއްވެސް. އެކަމަކު އަޅުގަނޑުގެވެސް އެދުމަކީ އަޅުގަނޑުގެ ފިރިމީހާ އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށާއި ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކުރުމަށް އިންޑިޔާއިން އެހީތެިވެދިނުން. އިންޑިޔާއިން އެކަން ކުރާނެ ގޮތެއް ނިންމާނީ ބޮޑުވަޒީރު މޯދީ،” ލައިލާ ވިދާޅުވެފައި ވެއެވެ.

ލައިލާ ވިދާޅުވެފައިވަނީ ނަޝީދު އަވަހާރަކޮށްލުމުގެ މަސައްކަތުގައި ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި ސިފައިންގޭގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާ އަދި ސިފައިންގެ ހިދުމަތުން ވަކިވެފައިވާ ބައެއް ބޭފުޅުން ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ގާތް ބޭފުޅުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެކަން ރޭވުމަށްފަހު އެއީ ނަޝީދު އަމިއްލަފުޅަށް ކުރައްވާ ކަމެއް ކަމަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތުކުރައްވާފައިވެ އެވެ.

ލައިލާ ވިދާޅުވެފައިވާގޮތުން އެކަންކަމުގެ މައުލޫމާތު ރާއްޖޭގެ ވަރަށް ގިނަ ލީޑަރުންނާ މިހާރު ވަނީ ހިއްސާ ކުރެވިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިޒް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް