ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނިޔާއިން ސަލާމަތް ކުރެއްވުމަށް އެދި އިއްޔެގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރުމާއި ގުޅިގެން، ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓަކީ ސިއްސައިގެން ދާވަރުގެ ކަމެއްކަމަށް އެމްޑީޕީން ބުނެފި އެވެ.
އިއްޔެ ހުކުރު ފަހުން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމަށް މިސްކިތްތަކާއި ވަށައިގެންވާ ސަރަހައްދުތައްބޭނުން ނުކުރެވޭނެ ކަމަށާއި ފުލުހުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އެ ޓުވީޓާއި ގުޅީގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާއަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަމަކަށްވީހިނދު، އަނިޔާއިން ސަލާމަތްވުމަށް ދުއާ ކުރުމަކީ ވާޖިބެއް ކަމަށެވެ. މިސްކިތަކީ އަޅުކަންކުރުމާއި ދުއާ ދެންނެވުމަށް ހާއްސަ ތަނަކަށްވީހިނދު، މުސްލިމު ގައުމެއްގެ ރައްޔިތުންގެ ގިނަ ބަޔަކު މިސްކިތުގައި ދުއާ ކުރުމުން އެކަމަށް ހުރަސްއަޅުއްވައި އިންޒާރުކުރެއްވުމަކީ ސަރުކާރުގެ އަނިޔާވެރިކަން އިތުރު ދަރަޖައަކަށް ދިއަދިއުމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން އަރައިގަންނަމުންދާދިއުމުގެ އިތުރަށް، ސަރުކާރުން ބޭނުން ނުވާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް މާތް ﷲ އަށް ދުއާދެންނެވުންވެސް މިއަދު ސަރުކާރުން މަނާކުރާ ކަމެއްކަށް ފާހަގަކޮށްފަ އެވެ.
އެމްޑީޕީއިން މިދިޔަ ދެ ހަފްތާގައި ވެސް ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ވަނީ ހާއްސަ ދުއާއެއް ކޮށްފައެވެ. އެ ދުއާގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ލިބުމަށާއި، އެމަނިކުފާނާއި އެހެނިހެން ފަރާތްތައްވެސް އަނިޔާއިން ސަލާމަތް ކޮށްދިނުމަށް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް