މާހެފުމަކީ ބިދުޢަ އަކަށް ނުވާނެ ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަޒީރު ވިދާޅުވެފައިވަނީ ރަމަޝާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއް ކަމަށާއި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއްނޫންވީމާ އެއީ ބިދުޢައަކަށް ނުވާނެ ކަމަށެވެ.
"އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް" ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ފާހަގަކުރައްވާފައިވާގޮތުގައި ހަމަ މިގޮތައް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް