ހަނދާނުގެ ފަތްފުށްތައް ނިއުޅައިލައި މިއަދު ހަނދާނަށް ގެނެސްގަންނަހިތް އޮތީ ހުކުރު ދުވަހެއްގެ ހަނދާނެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު، ހުކުރު ދުވަސް އޮންނަ ގޮތެވެ. ހުކުރު ދުވަހު ބައެއް ކަންތައް އޮންނަގޮތެވެ. މިކަހަލަ ވާހަކަތައް ލިޔަމުންދާއިރު، އެގޮތް ރަނގަޅޭ ނުވަތަ ނުރަނގަޅޭ ދަންނަވާކަށް ނެތީމެވެ. އެހެނީ މިއީ ހަމައެކަނި ކިޔައިލުމެއް ނުވަތަ ލިޔެލުމެއްގެ ގޮތުގައި އަތުރާލެވޭ ބަސްތަކެކެވެ.
އޭރުގެ ހުކުރާއި މިހާރުގެ ހުކުރާއި އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތުވެފައި ވެއެވ. ހުކުރަކީ މުއުމިނުންގެ ޢީދެކޭ ބުނާއަޑު އިހަށް އިވެއެވެ. ނަމަވެސް އެބުނަނީ ކީކޭކަމެއް މާރަނގަޅަކަށް ނޭނގެއެވެ. ކޮންމެއަކަސް އޭރުގެ ހުކުރު ދުވަހަށް ބަލާއިރު، އެއީ ރަސްމީގޮތުންނާއި މީސްމީހުންގެ އަމިއްލަގޮތުން ކަންތައްތަކެއް ހިނގާ ދުވަހެކެވެ.
ހުކުރު ދުވަހަކީ މުޅިން ބަންދު ދުވަހެކެވެ. ފިހާރަތައްވެސް ބަންދެވެ. ސަރުކާރުވެސް ބަންދެވެ. މަހަށް ފަރަށް ދިއުންވެސް ބަންދެވެ. ރާއްޖެތެރެއިން އައިސްތިބޭ މީހުން ފުރުންވެސް ބަންދެވެ. ހުކުރު ވިލޭރޭ ފަތިހު އިރުނާރަނީސް ފުރައިގެންދިޔަ ބަޔަކަށް ދެވިދާނެއެވެ. ނޫންނަމަ ނުދެވޭނެއެވެ.
ހުކުރު ވިލޭރޭ ފަތިސްވެގެން އަންނަ ވަގުތުދަނީ ހަތަރެސްފައި ކޮޅަށް ޖެހިގެންނެވެ. އިވޭ ގަދަ އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ތާޅަފިއްޔާދާ އަޑެވެ. ކަމަކީ ވަރަށް ހަރުދަނާ މާނައެއްގެ މަތީން މާތް މަޤްޞަދަކަށްޓަކައި ކުރެވޭ ބަރަކާތްތެރި ކަމެކެވެ. ކަމުގެ ބަރަކާތް ބޮޑުކަމުން ތާޅަފިއްޔާދާއިރު، ކުރިކަނޑައިދާން ބައެއް މީހުން ނަދުރު ބުނެއުޅެވެ. އެކަން އެހެން އޮތަސް އަޑަކީ ވަރަށް ނާމާ އަޑެކެވެ.
ފަތިހު ދުނިޔެމަތި އެންމެ ހިމޭންވެފައި އޮންނަ ވަގުތު ހިމޭންކަން ކަނޑުވާލައި ޚާއްޞަކޮށް ކުޑަކުދިންގެ ހިތަށް ބިރުވެރިކަން ވައްދައިދޭ ކަހަލަ އަޑެކެވެ. ތާޅަފިއްޔެއްގެ ގަދަ އަޑެވެ. މިކަމުގެ މަޤްޞަދަކީ ކޮބައިތޯ އޮޅުންފިލުވާން ވެވޭ ސުވާލުތަކުގެ ޖަވާބުގައި ބުނެވޭ އަޑު އިވެއެވެ. ބަލަ އެއީ ދީނީ ކަމެކެވެ. ހުކުރު ވިލޭރެއަކީ ޚާއްޞަ ރެއެއް ނޫންހޭ؟ އެރޭގެ ފަތިސް ނަމާދަށް ދާންވާނެއެވެ. އެހެންވީމާ ފެންވަރާނެ މީހުން ފެންވަރައިގެންވެސް ބަންގި ގޮވާއިރަށް މިސްކިތަށް ދާހައި އިރު އޮއްވައި، ތެދުވާން ހޭއަރުވައި ހޭލައްވައި ގޮވައި ހެދުމުގެ ގޮތުން ގޮއްވާ ތާޅަފިއްޔެކެވެ. ކޮންމެއަކަސް އެކަން އޮންނާނީ ހަތަރެއް ޖަހައި އެހައިކަންހައި އިރުއެވެ. ތާޅަފިއްޔާ ދާމީހާ، ތާޅަފިލި ފުމެމުން މާލޭގެ ކޮލި ހިނގާ މަގު ވަށައި ހިނގާފައިގޮސް، ގަނޑުވަރުތެރެއަށް ވަނުމަށްފަހު، ގަނޑުވަރުތެރޭގެ ނައުބަތުޚާނާއޭ ކިޔާ ތަނުން ބެރެއްޖަހާ އަޑު އިވޭން ފަށައެވެ. "ދޮރުމޮހި" ނަމަކަށް ކިޔާ ބެރެކެވެ. ނަމަށް ވިސްނާއިރު ހީވަނީ ގަނޑުވަރުތެރޭގެ ތަންތާނގެ ދޮރުތައް މޮހައި، ބަންދުކަން ފިލުވައި ދޮރުތައް ހުޅުވުމުގެ އިޢުލާނެއް ހެންނެވެ. އަދި އޭގެ އިރުކޮޅެއްފަހުން "ބަންގިސަރު" މިހެން ކިޔާ ބެރެއް ޖަހައެވެ. އެއީ، އިރުއެރުމުގެ ކުރިން ޖަހާ ބެރެކެވެ. ކޮންމެއަކަސް ހުކުރު ދުވަހުގެ އިރު ދުނިޔެ މައްޗަށް ފައުޅުވެ، ހުކުރު ދުވަސް "އުފަން" ވެގެން އަންނަނީ، އެފަދަ ރަސްމީ އިޙުތިފާލަކާ އެކުގައެވެ. އެހެންވާނެ ނޫންތޯއެވެ. ހުކުރަކީ، މުއުމިނުންގެ ޢީދެވެ. އެއީ ކުޑަކުދިންގެވެސް ޢީދެވެ. އެއީ ހެނދުނު ފިލާދަސްކޮށް ފިލާ ނުބަލައި ކިޔައި މިކަހަލަ ފޫހިވާ ކަންތައްތައް ކުރަން ނުޖެހޭތީއެވެ. ބުރާސްފަތި ދުވަހު ފިލާ ދޮވެފައި ހުންނަގޮތަށް "ހުކުރު ދުވަހު" ހުކުރުން ފައިބާންދެން ހުންނާނީ "ހުދު" ފިލައެއްގެ ގޮތުގައެވެ.
ހުކުރު ދުވަހު މެންދުރުގެ ކުރިން އަނެއްކާވެސް ބެރެއް ޖަހައެވެ. އެއީ ނުވައެއް ޖަހާއިރު ޖަހާ ހުކުރުބެރޭ ކިޔާ ބެވެ. ފަސްފިޔަވަޅު ބެރޭވެސް އެބެރަށް ބައެއް މީހުން ކިޔައެވެ. މިބެރު ޖަހާއިރު، ދުންމާރިއާއި ތާޅަފިލި ފުމެއެވެ. ކުރިން ދެންނެވި ބެރު ޖަހާއިރު އެކަމެއް ނޯވެއެވެ. އަދި ހަމަ ދާދި އެހާކަންހާއިރު މުންނާރުކަލޭގެ މުންނާރަށް އަރައި ހުރެ ހަރުއަޑުން ޖުމުޢަތު ސޫރަތް ކިޔަވައެވެ.
ހުކުރު ބެރު ހުއްޓާ ވަގުތަކީ، ވަރަށް ނާމާން ވަގުތެއް ކަމަށް ބުނެއެވެ. އެވަގުތު ހުރިހައި ކުޑަކުދިން، ގޭތެރެއަށް ވައްދައި، ފޮރުވުމަކީ އާދައެކެވެ. މިކަމުގައި ބުނެއުޅެނީ، އެއީ، ހުރިހައި ޖިންނިތައް ބެރުދުންމާރި ތާޅަފިލީގެ އަޑު އަހާން އެތަނަށް އެއްވެތިބެފައި، ފަރާތް ފަރާތަށް އުދުހިގަންނަ ވަގުތު ކަމުގައެވެ. އެހެންކަމުން އެއިން ޖިންނިއެއްގެ ފަރާތުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެނަމަ ކިހައި ދެރަތޯއެވެ؟
ކޮންމެއަކަސް، ހުކުރު ވަގުތު ކައިރިވަމުން އައިސް އެގާރަ ޖަހައި އެހައިކަންހައިއިރު ބަނގިބެރޭ ކިޔާ ބެރެއް ޖަހާން ފަށައެވެ. އެއަށްފަހު މަގުމަތީން ފެންނާނީ މުޅިންވެސް ހުކުރަށްދާ މީހުންނެވެ. ދުވަހުގެ ރަސްމިއްޔާތާބެހޭ މީހުން ރަސްމީ ހެދުމުގައެވެ. އެނޫން މީހުން ހުކުރު ހެދުމުގައެވެ.
އޭރުގެ ހުކުރު ދުވަހާބެހޭ ރަސްމިއްޔާތު ފުރިހަމަ ކުރެއްވުމަށްޓަކައި، ރަދުން، ނުވަތަ، ހަތްކޮޅު ނަގާ ދަރަޖައިގެ ބޭފުޅަކު ރަސްމީގޮތުގައި ހުކުރަށް ވަޑައިގަތުމަކީ، އާދަވެ ހިނގަމުންދާ ކަމެކެވެ. ވަޑައިގަންނަވަނީ ފުރިހަމަ ޢިއްޒަތުގައެވެ. ބެރު ދުންމާރި ތާޅަފިލީގެ ޢިއްޒަތުގައެވެ. ނަމަވެސް، ހުކުރަށް ވަޑައިގަންނަވާއިރު، އެބައިމީހުން އަރިހުގައި ނުގޮސް ނައުބާތުޚާނާގައި ތިބެގެން ބެރުޖަހައި ދުންމާރި ފުމެއެވެ. ތާޅަފިލި، އަރިހުގައި ދެއެވެ.
މިހައިތަނަށް ލިޔުމަށްފަހު މިކަން އޮންނަގޮތް ކުޑަގޮތަކަށް ނަމަވެސް ސިފަކޮށްލައިފައި ނޫނީ ކުރިއަށް ދިއުން ދައްޗެވެ. އާދޭހެވެ! ރަސްމިއްޔާތާ ބެހޭ މީހުން ގަނޑުވަރުތެރެއަށް އެއްވަމުންދާއިރު، އެހެންމީހުން ހުކުރު މިސްކިތާ ދިމާއަށް ދަތުރު ކުރަމުންދެއެވެ. ނައުބަތު ޚާނާގައި ތިބެގެން ބެރުވެރިން، ބެރުޖަހަމުން ގެންދެއެވެ. ރަސްމީގޮތުގައި ވަޑައިގަންނަވާ ބޭފުޅަކު، ރަސްމީ ހެދުންކޮޅު އެޅުއްވުމުގެ ކަންތައް، ދެކުނު ގެކޮޅުގައި ހިގަމުންދެއެވެ. އެކަމުގައި އިސްވެ ހުންނަވާނީ، މާބަނޑޭރި މަނިކުފާނެވެ. ފަހަރެއްގައި ދުރުގާތް ކޮށްދޭން ކުދި ބޭކަލުންގެ ވެރިޔާ ހުއްޓަސް، ކަމަކީ، މާބަނޑޭރި މަނިކުފާނު ކުރައްވާ ކަމެކެވެ.
މިކަންކަމުގައި ވަގުތުތައް ހޭދަވަމުންގޮސް، މެންދުރު ވަގުތު ވެދެއެވެ. ވަގުތުވުމާއެކު، ފަސްމުދިން ބޭކަލުން މުންނާރަށް އަރައި، މުންނާރުން މެންދުރު ބަންގި ގޮވައެވެ. ބަންގި ގޮވުމަށްފަހު، މުންނާރުން ފައިބައި، އޭގެތެރެއިން ދެބޭކަލަކު، ދުރުވަނީ، ގަނޑުވަރު ތެރެއަށެވެ. އަނެއް ދެބޭކަލުން ދުރުވަނީ، އެދުވަހެއްގެ ޚަތީބުގެ ގެއަށެވެ. މިދެތަނަށްމެ ދުރުވަނީ، ހުކުރަށް ދަންނަވާށެވެ! މި ހަތަރު ބޭކަލުން ދުރުވުމަށްފަހު މާމުދިން ކަލޭގެފާނު، ދެކުނު ދާލާގައި އިންނަވައެވެ. ވަޑައިގަންނަވާ ބޭފުޅެއްގެ އިންތިޒާރުގައެވެ. ހުކުރަށް ދެންނެވުމަކީވެސް ވަކި ގޮތަކަށް ކުރާ ކަމެކެވެ. މުދިން ބޭކަލުންގެ ދެ ބޭކަލުން، ދުރުވާތާކަށް ދުރުވެ، ދޮރުމައްޗަށް އަރައި ހުއްޓިލައްވައި، ކަނާއަތް މޭގައި ޖައްސާލައިގެން ހުރެ ހަރުއަޑުން ގޮވައިލައެވެ.
الصلاة بارلك الله قيكم الصلاة !
ގަނޑުވަރު ތެރެއަށް ދުރުވާ ބޭކަލުން ގޮވައިލައްވަނީ ދެގެދޭތެރެއޭ ކިޔާތާ ތިއްބަވައިގެންނެވެ. ޚަޠީބުގެއަށް ދުރުވާ ބޭކަލުން ގޮވައިލައްވަނީ ޚަޠީބުގޭ އުތުރު ފަރާތު ދޮރުމަތީ ތިއްބަވައިގެންނެވެ.
މިކަންތައްތައް ކުރައްވާން މުދިން ބޭކަލުން ދުރުވެ ތިއްބަވާނީ، އެބޭކަލުންގެ ރަސްމީ ހެދުމުގައެވެ. އެއީ، ހުދުކުލައިގެ ދިގުލިބާސް، ދިގު ހަރުވާޅެވެ. ބޮލުގައި ދިގު ފަގުޑިއެވެ. އެއީ، ކުކުޅުބިސް ބުރަށް ވުރެން ދިގު ބުރަކަށް އޮޅާފައި ހުންނަ ފަގުޑިއެކެވެ. ދެން އުއްޖެހި މަރުވަޅިއެވެ. ފައިވާން ހުއްދައެއް ނޫނެވެ. ފައިވާން ހުއްދައީ ޚަތީބުންނަށެވެ. ވަށް ފަގުޑިއާއި ޖުއްބާއަކީވެސް ޚަޠީބުންގެ ހެދުމެވެ.
ގަނޑުވަރުތެރެއަށް ދުރުވި ދެބޭކަލުން ހުކުރަށް ގޮވައިލެއްވުމުން، ދުވަހަކީ، ވަޑައިގަންނަވާ ދުވަހެއް ކަމަށް ވަނީނަމަ، މާބަނޑޭރި މަނިކުފާނު ސުއްޖާދުކޮޅު ހިއްޕަވައިގެން ދެކުނު ގެކޮޅުން ނިކުމެވަޑައިގެން، މުދިން ބޭކަލުންނާ ޙަވާލު ކުރައްވައެވެ. ސުއްޖާދުކޮޅަކީ، ރަދުން ނަމާދުފުޅު ކުރައްވާން ކޮޓަރިކޮޅުގައި ފަތުރާ މުސައްލަކޮޅެވެ.
ދެން ފެންނާނީ މުދިންބޭކަލުން ސުއްޖާދުކޮޅު ހިފައިގެން ނިކުންނަތަނެވެ. މިތަން ބަލާން ބެރުވެރީން ތިބެފައި، ބެރުގެ ލަވައަށް ބަދަލެއް ގެނެއެވެ. ގެނައުމުން، އެދުވަހަކީ، ވަޑައިގަންނަވާ ދުވަހެއްކަން ހަނގުބޭކަލުންނަށް އެނގި، ސިލޭހަ ހިއްޕަވައި، ތައްޔާރުވެދާނެއެވެ. ދެން ހުރިހައި ކަމެއް ހަމަޖެހި، ފުރިހަމަ ޢީއްޒަތުގައި ނިކުމެ ވަޑައިގަތް ބޭފުޅަކީ ރަދުން ކަމުގައިވަނީ ނަމަ، އާކޯއްޓޭ ބުރުޒުން ހަތްބަޑި ޖަހައެވެ. ޢިއްޒަތުގައި ވަޑައިގަންނަވާ ބޭފުޅަކު ވަޑައިގެން އިސްކަންދަރު ރަސްގެފާނު ޒިޔާރަތަށް ހުއްޓިވަޑައި ގަތުމުން ހަތްކޮޅު މޯޅިކޮށްލައެވެ. ހަރުބީ ހުއްޓައިލައެވެ. ދެން، އެތަނަށް ފާތިޙާ ވިދާޅުވެފައި ވަޑައިގެން، ހުކުރު މިސްކިތު ދޮރޯއްޓައި ދިމާވާގެން ހުންނަވައި، މެދުޒިޔާރަތަށް ފާތިޙާ ވިދާޅުވެފައި ދެން ވެދެވަޑައިގަތުމާއެކު، މެދުޒިޔާރަތާ ދިމާއަށް ކުރިމަތިލައިގެން ތިބެ އެތައްފަހަރަކު ތާޅަފިލި ފުމެއެވެ. އެއަށް ކިޔައި އުޅެނީ ފާތިޙާ ފުމެނީ ކަމަށެވެ.
ވަޑައިގަތް ބޭފުޅަކު މިސްކިތަށް އަރާ ވަޑައިގަތުމުން އަރިހުގައި، ކަނޑިކޮޅު ހިފާ މީހަކާއި، މާބަނޑޭރި މަނިކުފާނު އަރާވަޑައިގަނެއެވެ. ކަނޑިކޮޅާއި އައްޑަނަކޮޅު ކޮޓަރިކޮޅުގައި ބާއްވައެވެ. މާބަނޑޭރި މަނިކުފާނު ރަދުން އަރިހުގައި ކޮޓަރިކޮޅު ބަދަލު ކުރެއްވުމަށްފަހު، ސުންނަތް ކުރައްވާން ފަށްޓަވައެވެ.
ބަޑިކޮޅާއި ތާޅަފިލިތައް ހުންނަނީ ބަހައްޓަނީ، ދެކުނު ފަރާތު ދޮރޯށީގެ އިރުމަތީ ފަރާތު ދާލައިގައެވެ. ސިލޭހަތައް ހުންނަނީ، ދޮރޯށީން ބޭރު ފާރުގައި ލައްކޮށްލައިފައެވެ.
ޚަޠީބުގެއަށް ދުރުވި ބޭކަލުން ތިއްބަވާނީ ގަނޑުވަރު ތެރެއިން ނިކުމެ ވަޑައިގަންނަވާ އަޑަށް ވިސްނައިގެންނެވެ. އެހެން ތިއްބަވާފައި، ހުކުރަށް ވަޑައިގަތް ބޭފުޅަކު ސުންނަތް ކުރައްވާއިރަށް ދެވޭހާވަރު ލަފާކޮށްލުމަށްފަހު، ޚަޠީބު ބޭކަލަކު ފޮށާ އަޅުވައި ތައްޔާރުކޮށްގެން ނިކުމެދާނެއެވެ. ޚަޠީބަކު ހުންނަވާނީ ފައިވާނުގައެވެ. އެބޭފުޅުންނަށް އެދުވަހު ފައިވާން ހުއްދައެވެ.
ޚަޠީބު ގޮވައިގެން، ދާން މުދިން ބޭކަލުން ދުރުވާއިރަށް، ބިލެތާއި ހުވަނދު ތައްޔާރަށް ހުންނާންވެއެވެ. އެތަނުން ބިލެއްގަނޑަކުން ގޮށްޓެއް ހަދައި، އެގޮށްޓަށް ހުވަނދު އަޅައެވެ. ދެންހުރި ބިލެތުން ބިލެތް ރުމާލެއް ހަދައެވެ. ޚަޠީބު ގޮވައިގެންދާ ބޭކަލުންކުރެ އެއްބޭކަލަކު ޚުޠުބާ ފޮތް ގެންދަވައެވެ. އަނެއްބޭކަލުން ހުވަނދު ގޮށްޓައި، ބިލެތްރުމާ ގެންދަވައެވެ.
ޚަޠީބު ބޭކަލަކު ވަޑައިގެން، މިސްކިތަށް އަރައިވަޑައި ގަތުމާއެކު، މާމުދިން ކަލޭފާނު ފޮތުގައި ހިތްޕަވައެވެ. ދެން ދޮރުމައްޗަށް އަރައި މާމުދިން ކަލޭގެފާނު ސަލާން ގޮވައިލެއްވުމަށްފަހު ވަދެންގެ ގޮސް މެންބަރުމަތީ ފޮތް ބާއްވަވައި، ކަނޑި ނަންގަވައި ޚަޠީބު އަތްޕުޅަށް ދެއްވައެވެ. ޚަޠީބު މެންބަރަށް އަރާވަޑައިގެން މީސްތަކުންނާއި ދިމާއަށް އެނބުރި ވަޑައިގަތުމުން، މާމުދިން ކަލޭގެފާނު إن الله وملئكيه – މި އާޔަތް ހަރުއަޑުން ކިޔުއްވައެވެ. ދެން ޚަޠީބުގެ ސަލާމެވެ. ދެން ސަލާން ބަލައިގަތުމެވެ. ދެން ބަންގިއެވެ. ބަންގިއަށްފަހު މާމުދިން ކަލޭގެފާނު، މީސްތަކުންނާއި ދިމާއަށް ކުރިމަތިލައްވައި ހުކުރު ޚަދީޡް ކިޔުއްވައެވެ. ހުކުރު ޚަދީޡް ނިމުމާ ވިދިގެން އިވެމުންދަނީ ދުވަހުގެ ޚުޠުބާއެވެ. މުޅިން އަރަބި ބަހުން އޮންނަ ޚުޠުބާއެކެވެ. އޭރު ދިވެހި ބަހުން ޚުޠުބާ ކިޔުމަކީ، އަދި މާނަޔާއެކު ޚުޠުބާ ކިޔުމަކީ، އޮންނަ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ، އެކަންތައް ކުރައްވާން ފެށްޓެވިއިރު ބައެއް ޚާއްޞަ ދުވަސް ދުވަހަށް މާނަޔާއެކު ނުވަތަ ދިވެހިބަހުން ޚުޠުބާ ވިދާޅުވެއެވެ. ޢާންމު ގޮތެއްގައި، ދިވެހިބަހުން ހުކުރު ޚުޠުބާ ކިޔަން ފެށުނީ، އަލްއަމީރު ޙަސަން ފަރީދުދީދީގެ ދުވަސސްވަރުގައެވެ. އައްސުލްތާން ޙަސަން ނޫރައްދީނުއްޡާނީގެ ރަސްކަމުގައެވެ.
މާނައަކީ ފުރަތަމަ ހުކުރު ޚުޠުބާއެއް ވިދާޅުވެފައިވަނީ 14 ރަޖަބް 1331 ހ. ގައި ކަމަށް ބައެއް ތާރީޚީ ލިޔުމުން ދައްކައެވެ. އެދުވަސްވަރު، ދިވެހި ބަހުން ހުކުރު ޚުޠުބާތަކެއް ދައުލަތުގެ އަމުރުފުޅަށް ލިޔެ ޗާޕުވެވި ރާއްޖެތެރޭގެ އެންމެހައި ރަށްރަށަށް ފޮނުއްވައި ހެއްދެވިއެވެ. އޭގެ ކުރިން ދިވެހިބަހުން ޚުޠުބާ ކިޔުމަކީ، ވަރަށް "އަބުއި" ކަމެކެވެ. ވަރަށް ޚާއްޞަ ބޭފުޅަކަށް ނޫނީ ހުއްދަ ނޫން ކަމެކެވެ. ހުކުރު ކުރައްވައި އުޅުއްވި ކޮންމެވެސް ބޭފުޅަކު އިބްނު ނަބާތާ އަލްމިޞްރީގެ ޚުޠުބާ ފޮތުން ޚުޠުބާއެއް މާނައާއެކު ވިދާޅުވެގެން ވަރަށްބޮޑު މައްސަލައަކަށްވީ ވާހަކަ ތުންތުންމަތީން އިވިފައި އެބައޮތެވެ.
ކޮންމެއަކަސް އޭރުގެ ޚުޠުބާގެ މޮޅުދެރަކަމާއި ރީތި ހުތުރުކަން އޮންނަނީ ވިދާޅުވާ ބޭފުޅެއްގެ އަޑުފުޅާއި ރާގުގައެވެ. ކުރީ ޚުޠުބާ ގިނަދުވަހަށް ވަރަށް ކުރެވެ. ފަހު ޚުޠުބާ ވަރަށް ދިގެވެ. ބައެއް ފަހަރަށް، ތުރުކީންގެ ޚަލީފާއަށް ހެޔޮ ދުޢާތައްވެސް ކުރެވިފައި ހުންނަ ޚުޠުބާވެސް އިވެމުންދެއެވެ.
ކޮންމެއަކަސް ދެ ޚުޠުބާ ނިމި، ހުކުރު ނަމާދުކޮށް ސަލާން ދިނުމާއެކު، ފަސް މުދިން ބޭކަލުން ހަރު އަޑުން السيم أنت السلام ދުޢާއާއި އާޔަތުލް ކުރްސި ކިޔަވައެވެ. އެއަށްފަހު ޛިކުރު ތަސްބީޙައެވެ. އެވަގުތަކީ ޚަޠީބު ބޭކަލަކު ޚަޠީބު ފޮށާ ނަންގަވާ ވަގުތެވެ. ނަންގަވައިފައި މުދިން ބޭކަލުންނާއި ޙަވާލު ކުރެއްވުމުން އެބޭކަލުން އެފޮށާ ފަތް ޖައްސަވައެވެ. ޛިކުރު ތަސްބީޙައަށްފަހު ދުޢާއެވެ. ދުޢާއަށް އާމީން ކިޔަނީ، ފަސްމުދިން ބޭކަލުން އެއްފަހަރާ އެއްއަޑުންނެވެ. " حمد لله" މިތަން ކިޔުއްވަނީ، މާމުދިންކަލޭގެފާނެވެ. ކޮންމެ ދުޢާއެއްވެސް ހަމައެގޮތެވެ. ދެން އޮންނަނީ ތާނިޔާއެވެ. ކިޔުއްވަނީ މާމުދިން ކަލޭގެފާނެވެ. އޭގައި އޮންނަނީ އިސްލާމް ދީނަށާއި ދިވެހި ދައުލަތަށާއި، ރަދުންނަށާއި، ރައްޔިތުންނަށް ހެޔޮދުޢާ ކުރުމުގެ ޢިބާރާތްތަކެވެ. ތާނިޔާ ނިމެނީ، އަލްފާތިޙާ އިންނެވެ. ދެން ޞަލަވާތް ކިޔަވާން ފެށިދެއެވެ. ޞަލަވާތް ކިޔަވާ ވަގުތަކީ މިޙުރާބު ގޭގައި ތިބޭ އެންމެން ހުވަނދު ދޭ ވަގުތެވެ. ޞަލަވާތް ނިމޭއިރަށް ހުވަނދުލައި ނިމިދާނެއެވެ.
ދެން ފެންނަނީ ރަދުން ފައިބައިވަޑައިގެން ގަނޑުވަރަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ހިނގަމުންދާތަނެވެ. މިސްކިތުން ފައިބައިވަޑައިގެން ހުކުރު މިސްކިތްތެރޭގެ ޒިޔާރަތްތަކަށް ފާތިޙާ ވިދާޅުވެއެވެ. މިކަމުގައި އިސްވެ ހުންނަވާނީ ޚަތީބެކެވެ. ހުކުރު މިސްކިތްތެރެ ނިންމަވާފައި ނިކުމެވަޑައިގެން މެދު ޒިޔާރަތް ދޮށަށެވެ. އެތަނަށް ފާތިޙާ ވިދާޅުވެ ނިންމަވާފައި ހިންގަވައި ގަތުމާއެކު، ކުދިބޭކަލުންގެ މީހަކު، އެތަނަށް އެއްވެތިބޭ ފަޤީރު ކުދިންނަށް ލާރި ބަހައެވެ. ދެން ވަޑައިގެން އިސްކަންދަރު ރަދުންނާއި، ދޮންބަންޑާރައިންނަށް ބޭރުގައި ހުންނަވައި ފާތިޙާ ވިދާޅުވެއެވެ. މިކަންނިމުމާއެކު، ހަތްކޮޅު ފޮޅުވައިލައެވެ. ބެރުވެރިންނާއި ދުންމާރި ވެރިން ތިބެނީ އަރިހުގައިދާން އައިސް ދުނބުގަސްދޮށުވެވޭ ކިޔާ ވެޔޮ ކައިރީގައެވެ. އެއީ، އޭރު އުތުރުގޭ އިރުން ހުކުރު މިސްކިތު ހުޅަނގުން އޮންނަ ވެވެކެވެ. މިހިސާބުން ދުންމާރި ތާޅަފިލީގެ ޢިއްޒަތުގައި ގަނޑުވަރަށް ވަޑައިގެން ވެދެވަޑައިގަނެއެވެ. އެއަށްފަހު ހުކުރު މިސްކިތުގައި ހިނގާ ކަންތައްތަކެއް އޮވެއެވެ. ހުކުރު ދުވަހުގެ ޕްރޮގްރާމް ނިމެނީ، ހުކުރު ހިނގުމުންނެވެ. އެއީ ފަނޑިޔާރުގޭ ފަރާތުން ނައިބު ބޭކަލަކާއި ދޭވާނީންނާއި، ދުއްރަ ހިފައިގެން ނުކުމެ، ހަތަރު އަވަށުގައި ހިނގައި މައިޒާން މައިޒާނުގައި ދީނީ ނަޞޭޙަތްދީ، މިކަހަލަ ކަންތައްތަކެއް ކުރުމެވެ. ކޮންމެއަކަސް އޭރު އެކަންތައް އޮންނަނީ އެގޮތަށެވެ. ރަނގަޅު ނުރަނގަޅު ކިޔާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ އޭރުގެ ގޮތެވެ.
މި މަޒުމޫނު ލިޔުއްވާފައިވަނީ 1976 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނުކުތް "އަމާޒު" ގެ 51 ވަނަ ޢަދަދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް