ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ޤައުމީ ހެލްޕްލައިނެއް އިފްތިތާހްކޮށްފިއެވެ.
އެގޮތުން މިއަދު އިފްތިތާހްކޮށްފައިވާ ނަމްބަރަކީ 1677 އެވެ. މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ހެލްޕްލައިނެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްޕްލައިން ލޯންޗުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ޞިއްޚަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ 1677 އަކީ ކަންބޮޑުވުންތަކުގެ އެކުވެރިޔާ ކަމަށާއި އެފަދަ އުނދަގޫތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު އެ ހެލްޕްލައިނުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ އެފަދަ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ފުރަތަމަ އެހީ ލިބިގެންދިޔުމަކީ އެކަމުން އަރައިގަތުމަށް ލިބޭ އުންމީދަކަށް ވާނެކަމަށާއި މި ހެލްޕްލައިންގެ ސަބަބުން ނަފްސާނީ ބައްޔަށް ފަރުވާދިނުމުގެ ކަންކަމަށް އިތުރު ލުޔެއް ލިބިގެންދާނެކަމުގައި އުންމީދުކުރައްވާކަމަށެވެ.
ނަފްސާނީ ބަލިތަކަށް ހެލްޕްލައިނެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް