މަތިވެރި ހަސަންފުޅު ހޯދަން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖު ބަލައިފި

އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) ހޯދުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖުތަކެއް ބަލައިފި އެވެ. ހަސަންފުޅު ގެއްލުނ...

21 Feb 2023 | 17:17

އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) ހޯދުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖުތަކެއް ބަލައިފި އެވެ.

ހަސަންފުޅު ގެއްލުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެރަށު ރައްޔިތުންނާއި ފުލުހުން އަދި ސިފައިން ގުޅިގެން މިވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މުޅި ރަށާއި ފަޅުތެރެއާ އޮޑިދޯނި ފަހަރު ބަލާފައި އެވެ.

އޭނާ ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގައި ހިންގާ ހުރިހާ ގެސްޓް ހައުސްތަކާއި ކެފޭ / ރެސްޓޯރަންޓްތަކާއި ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދަކާއި ވަޅުފަދަ ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ އޮޑިފަހަރު ބަލާ އެއްވެސް ރަށަކަށް ހަސަންފުޅު ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތާއި އޭނާ އާންމުކޮށް ގޮސް އުޅޭ ރަށްރަށާއި އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސް އުޅޭ ގޭގޭގެ މީހުންނާއި ސުވާލުކޮށް މައުލޫމާތެއް ލިބޭތޯ ބަލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހަސަންފުޅު ގެއްލިފައިވާ މައްސަލައިގެ ތަހުގީގުގައި މަތިވެރިން ލިބެން ހުރި ހުރިހާ ސީސީޓީވީ ފްޓޭޖްތައް ހޯދައި 157 ގަޑިއިރުގެ ފްޓޭޖް ދިރާސާކޮށްފައިވެއެވެ. މި ފްޓޭޖްތަކުން ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ އޭނާ ގެއްލުނު ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނިކުމެގެންދާ މަންޒަރު ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖު ބެލީ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އެކަމަކު އެ މައުލޫމާތާއި ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް 199 މީހެއްގެ ފަރާތުންް މައުލޫމާތު ސާފުކޮށްފައިވެއެވެ. އަދި 29 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް