ވައިގެ ސާފު މިންވަރު ދެނެގަތުމަށް 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ހަރުކުރަނީ

ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މީހުންދިރިއުޅޭ 10 ރަށެއްގައި އެއާކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ނިންމައިފިއެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން އައްޑޫ ސި...

21 Feb 2022 | 18:10

ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މީހުންދިރިއުޅޭ 10 ރަށެއްގައި އެއާކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢު ފެށުމުގެ ގޮތުން އައްޑޫ ސިޓީ ގަމުގެ އީކްއެޓަ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ހިންގާ މަޝްރޫއުގެ ތެރެއިން 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރަން ހަމަޖެހިފައި ވެއެވެ.

އެގޮތުން މިއަދު އައްޑޫ ސިޓީ ކައުންސިލު އިދާރާގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސާއެއް ހަރުކޮށްފައި ވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭ އިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށްޓަކައި ނިންމާފައިވާ ރަށްތަކަކީ އައްޑޫ ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

މި ސެންސަރުތަކުން ފަސް އަހަރުގެ މުއްދަތަކަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ދޭނެ އެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސަރުގެ ޒަރިއްޔާއިން އާއްމުންނަށް ވެސް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޢައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، އެ ޑޭޓާތައް ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން "އައި.ކިއު އެއާރ"ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް

https://www.iqair.com/ ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް