މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1،118 ދިވެހީން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ މީޑިއާތަކަށް ހާއްސަކޮށްގެން "ޑްރަގް އެންފޯސްމަންޓް މީޑިއާ އިވެންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި މައުލޫމާތު ހިއްސާކުރަމުންނެވެ.
ފުލުހުން ބުނީ ޑްރަގް ކެފޭތަަކަށް ދާ މީހުންގެ ތެރެއިން 305 މީހުންނަކީ ޑުރަގް ފަރުވާއިން ވަކި ކޮށްފައިވާ މީހުން ކަަމަށެވެ.
އަދި 141 މީހަކީ ދެވަނަ ހުކުމެއް ކޮށްފައިވާ މީހުނެވެ.
މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކާއި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރު ކޮށްފައިވާ 217 މީހުން ހިމެނެއެވެ.
މީގެ އިތުރުން އެ މީސްމީހުން ނިސްބަތްވާ ރަށްރަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެ ގިނައީ މާލެއަށް ނިސްބަތްވާ މީހުންނެވެ.
އަދި މާލޭގައި ހިންގާ ހުރިހާ ޑްރަގް ކެފޭތަކެއް މިހާރު ބަންދުކޮށްފައިވާކަން ހާމަކޮށް އެ ތަންތަން ހިންގާ ގެތަކުގެ ނަންތަކާއެކު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ތިން ގެ އަކީ މ. ސައްމާމުއާގެ، މއ. ސެވަންއެންޑްހައުސް އަދި މ. ދެރަހާ އެވެ.
މިއަދު ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓަކީ ޑްރަގް އެންފޯސްމަންޓާއި، ޕޮލިސް މީޑިއާ ސެންޓަރާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، ޑްރަގް އިންޓެލިޖެންސާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިތުރުން ކަމާގުޅުންހުރި
އެހެނިހެން ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. މި އިވެންޓްގައި ބްރޯޑްކާސްޓިންގ އަދި އޮންލައި ނޫސްތައް ހިމެނޭގޮތަށް 24 އަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް