ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީއަކު ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތަފްސީލް ފުލުހުން މިއަދު ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީން 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ހަރަކާތްތެރިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޑްރަގް ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން މާލޭގައި ހިންގާ ޑްރަގް ކެފޭތަަކުން އާންމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަންގާޅަށް ނިސްބަތްވާ 134 މީހަކާއި އިންޑިއާގެ ތިން މީހަކާއި ސްރީލަންކާގެ ދެ މީހެއް ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތި ދިރުވާލައިގެންނާއި އެ ނޫން ގޮތްގޮތަށް އެތެރެކުރަން އުޅުނު 28 މައްސަލައެއްގައި 41 ބިދޭސީއަކު ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެެނެނީ ބްރެޒިލްގެ 10 މީހަކާއި ޕާކިސްތާނުގެ ނުވަ މީހަކާއި ބަންގާޅުގެ ހަތް މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާ އާއި އޮސްޓްރިއާ އާއި ކޮސްޓަރިކާ އާއި އިކްއެޑޯ އާއި ކެންޔާ އާއި ލެތްވިއާ އާއި ސިންގޫރު އަދި ތައިލެންޑް މީހަކާއި ޔޫކޭ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް