ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް ޢަމަލީގޮތުން ފަށައިފިއެވެ.
ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ ރާއްޖެ ހިމެނޭގޮތަށް 11 ޤައުމެއް ގުޅާލުމަށް ހަމަޖެހިފައިވާާކަަމަށް ދިރާގުން ހާމަކުރެއެވެ.
ސިންގަޕޫރުންފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެއެވެ.
ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީ.ބީ.ޕީ.އެ.ސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.
ދިރާގުން ބުނީ މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝިއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް އެ ކުންފުނީގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މިމަޝްރޫޢުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުޢާސަލާތީ އަދި ޑިޖިޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ޚިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެއެވެ.
ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.
އަދި މިއީ ރާއްޖޭގައި އިންވެސްޓުކުރާ ވިޔަފާރިތަކަށްވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ދިރާގުން މަސައްކަތްކުރަމުންދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާރޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ. އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްޤީ އަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ޙާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެކެވެ.
އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ފާހަގަކޮށްފައި ވެއެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް