މޭރީގެ ލޭގައި ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަނެއްގެ އަސަރު ހުރި

އައިޖީއެމްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ހަލީމަތު ލަމްހާގެ ގެއިން ފެނުނު އެންޖެކްޝަނެއްގެ އަސަރު މޭރީގެ ލެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެ...

21 Feb 2022 | 05:55

އައިޖީއެމްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ހަލީމަތު ލަމްހާގެ ގެއިން ފެނުނު އެންޖެކްޝަނެއްގެ އަސަރު މޭރީގެ ލެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ މިއަދު ކުރިޔަށްދާ ލަމްހާގެ ޝަރީއަތުގައި އެވެ. މޭރީގެ މަރުގެ މައްސަލައިގަ ލަނމްހާ އާއި ދެކޮޅަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައި އެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓުގެ ނަތީޖާ އަނގަބަހުން ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށެވެ. ރާއްޖޭން ބޭރުން ހެދި މި ޓެސްޓްތަކުގެ ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ދައުލަތުން މިއަދު ޝަރީއަތުގައި ބުންޏެވެ.

ސަކްސިނައިލްކޮލިން އަކީ ހޮސްޕިޓަލްތަކުގައި ކުރާ ބޮޑެތި އޮޕަރޭޝަން ފަދަ ކަންކަމުގައި ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. އެ ބާވަތް އަޅާފައި ހުރި އިންޖެކްޝަން ފެނުނީ މޭރީގެ މަރާއި ގުޅިގެން ލަމްހާގެ ގެ ފުލުހުން ބަލާ ފާސް ކުރުމުގެ ތެރޭގައި އޭނާގެ ކޮޓަރިންނެވެ.

ދައުލަތުން ޝަރީއަތުގައި ބުނީ ލަމްހާ އަކީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ލޯބިވެރިޔާ ކަމަށެވެ. ލަމްހާ އާއި މާވިން އަކީ އައިޖީއެމްއެޗުގެ އެމަޖެންސީގައި މަސައްކަތް ކުރާ ދެ ނަރުހުންނެވެ.

މޭރީ ދަންޖެހިގެން މަރުވީ ކަމަށްބުނެ މާވިން އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މޭރީގެ މަރާއި މެދު ފުލުހުން ޝައްކު ކުރީ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ފެންނަން ނެތުމުންނެވެ. އަދި އޭނާ ދަންޖެހުނު ކަމަށްބުނާ ކޮޓަރީގައި ދަން ޖެހެވޭނެ ގޮތެއް ނެތުމާއި މާވިން އެތަން ސާފު ކުރި ކަމަށް ބުނުމުންނެވެ.

މި މައްސަލައިގަ މާވިންގެ މައްޗަށް މޭރީ މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވެ އެވެ. ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް