ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޔަކު ފޭރެން އުޅުނު މައްސަލައިގައި ދައުވާކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ދެއަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މި ފައިސާ އަކީ ރޫޓު ފިހާރައިން ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ރުފިޔާއެވެ.
މިމައްސަލައިގައި ދައުވާ ކުރި ފަސް މީހުންގެ ތެރެއިން ދެއަހަރުގެ ޖަލު ހުކުމެއް އައި ހަތަރު މީހުންނަކީ ލ. ގަން ތުނޑި، ކީމިޔާގެ އަބްދުﷲ ރާޝިދު، ގއ. ވިލިގިނލި، ކާނިރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު، މާލެ ދަފްތަރު ނަމްބަރު ރސ 3678 ހުސެއިން އަބްދުލް މަޖީދު، މާލެ ވ. ޕިންކުވިލާ އަހުމަދު އަމީރުއެވެ. މިހަތަރު މީހުން ވަނީ އެމީހުންގެ މައްޗަށް އުފުލި ފޭރުމުގެ ދައުވާ އަށް ޝަރީއަތުގައި އިއުތިރާފް ވެފައެވެ.
ފޭރުމުގެ ދައުވާ އުފުލުމުން އެމީހުންގެ މައްޗަށް ތިން އަހަރާއި ދެމަސް ދުވަހުގެ ދައުވާއެއް އައުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ދައުވާއަށް އިބްތިދާއީ މަރުހަލާގައި އިއުތިރާފު ވުމުން ގާނޫނު އުޤޫބާތު ބުނާ ގޮތުން ކުށުގެ އެއްދަރަށް ވަނީ ދަށްވެފައެވެ. އެހެންކަމުން އެމީހުންގެ މައްޗަށް އައީ ދެއަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މައްސަލައިގައި ހިމެނޭ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ވާތީ އެމީހުން ބަންދުގައި ތިބި މުއްދަތު ވަނީ މިމައްސަލައިގެ އަދަބުން އުނިކޮށްފައެވެ. އެހެންކަމުން އެމީހުން ޖަލުގައި ދެން ތިބެން ޖެހޭނީ އެއްއަހަރާއި ތިން މަހާއި ދުވަސްކޮޅަކުއެވެ.
މިމައްސަލައިގައި އަދި އިތުރު މީހަކުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ރ. ރަސްމާދޫ، އޯކިޑްމާގެ މުހައްމަދު އަޒްމީންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ ބައި ކޯޓުން ކުރިއަށް ގެންދަނީ ވަކިންނެވެ.
ރޫޓްގެ ފައިސާ ފޭރެން އުޅުނު ހާދިސާ ހިނގާފައިވަނި 2020 އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް