ނޮލެޖް ބުކްޝޮޕާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުން ތަމްރީނު ކުރަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ނޮލެޖް ބުކްޝޮޕް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫގައި ސޮއިކޮށްފިއެވެ....

21 Feb 2022 | 04:40

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ނޮލެޖް ބުކްޝޮޕް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ސޯޝަލް ސެންޓަރ ގައި ބޭއްވުނު އެމް.އޯ.ޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އިސްވެރިންނާއި ނޮލެޖް ބުކްޝޮޕްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުންކަމުގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ ފާހަގަ ކުރެއްވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ވެސް ލިބޭނެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ނޮލެޖް ބުކްޝޮޕްގެ ފަރާތުން ކޭޝިއަރިންގ އަދި ރީޓެއިލް ސާރވިސަސް ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 4 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މި އެމް.އޯ.ޔޫގައި ނޮލެޖް ބުކްޝޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ނިޒާރު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޛުމީލުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް