މާލެސިޓީ ކައުންސިލުން 180 ކަދުރު ރުއް އަދި 320 އެހެނިހެން މޭވާ އަޅާ ގަސް (ޖުމްލަ 500 ގަސް) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މާލެސިޓީން ކުރި އިއުލާނެއްގައި ބުނީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "1 ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ހޯދާ 500 ގަސްކަމަށެވެ.
މި މަސައްކަތަށް ހޯދާ ގަސްތައް ބަލައިގަތުން އޮތީ ބީލަން އުސޫލުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށެވެ. އެގޮތުން މައުލޫމާތު ސާފުކުރެއްވުމަށް މި މަހުގެ 23 ވަނަ ދުވަހު 00؛11 ގައި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަނަށް ދުރުވުމަށް ސިޓީ ކައުންސިލް އަންގައެވެ. އަދި ބިޑުހުށަހެޅުމަށް އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަންގައި މިމަހުގެ 28 ވަނަ ދުވަހުގެ 00؛11 ޖަހާއިރު ކުރިޔަށް ދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހުގައެވެ.
މި ޕްރޮގްރާމަކީ މާލެ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮގްރާމެއް ކަމަށް ސިޓީ ކައުންސިލުން ބުނެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް