ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކެމިކަލް ޖަހައިފި އެވެ.
ކެމިކަލް ޖަހާފައިވަނީ އެ ރަށު ނީލަމްގޭ، އިބްރާހިމް މުހައްމަދު 71، އަހަރުގެ މޫނަށެވެ. ދުވާފަރު ކައުންސިލުން ބުނީ ކޮންބައެއްކަން ނޭގޭ ބަޔަކު އެމީހާ ގަޔަށް ކެމިކަލް ޖެހީ ރޭ ފަތިސް ނަމާދަށް ދަނިކޮށް ކަމަށެވެ.
އެމީހާއަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މާލެ ގެނެސްފައި އެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާގެ އެއް ލޮލަށް ނުފެންނަ ކަމަށްވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މިއީ މީހެއްގެ ގަޔަށް ކެމިކަލް ޖެހި ދެވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހު ފަކޮޅު ށ. ޅައިމަގު އަންހެނެއްގެ ގަޔަށްވެސް ވަނީ ކެމިކަލް ޖަހާފައި އެވެ. އެ ފަހަރު އޭނާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް