ގާނޫނާ ހިލާފަށް ރައީސް ޔާމީން ހައްޔަރު ކުރި ކަމަށް އަމީން ފައިސަލް އިންކާރު ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާއި ހިލާފަށް ހައްޔަރު ކުރެއްވިކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އިންކާރު ކުރައްވައިފި އެވެ. އެ މައްސަ...

21 Feb 2017 | 09:29

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާއި ހިލާފަށް ހައްޔަރު ކުރެއްވިކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އިންކާރު ކުރައްވައިފި އެވެ.

އެ މައްސަލައިގަ ކުއްލިއަކަށް މިދިޔަ އަހަރު ފަހުކޮޅު އަމީން ފައިސަލްގެއް މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. ދައުލަތުން އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަމީން ފައިސަލް ދައުވާއަށް އިންކާރު ކުރެއްވީ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވަމުންނެވެ.

އަމީން ފައިސަލްގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެ މައްސަލައިގަ ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ލިބުނީ މިއަދު ކަމަށާއި އިތުރަށް ޖަވާބު ދާރީވާން ވަގުތު ބޭނުންވާ ކަމަށެވެ. އެގޮތަށް އެދުމުން ފަނޑިޔާރު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަވާބު ދާރީވާން އަމީން ފައިސަލަށް ދީފައި އެވެ.

މިއަދުގެ އަޑުއެހުމުގައި އަމީން ފައިސަލްގެ ފަރާތުން ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ލިޔެކިޔުންތައް ހުށަހަޅާފައި އެވެ.

މި މައްސަލަ އާއި ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް