ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ޚިދުމަތެއް ކަމުގައިވާ "ބީއެމްއެލް ކޭޝްލެސް ރައިޑް" މިއަދު އިފްތިތާހުކޮށްފިއެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ތައާރަފް ކުރެވުނު މި ޚިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުންކުރާނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެކެވެ. އަދި ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކުމުން ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެ ކަމަށާއި މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.
"ބީއެމްއެލް ކޭޝްލެސް ރައިޑް" ގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ " މި ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ކަސްޓަމަރުންނަށް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތް ތައާރަފް ކުރުމުން، ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައު ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާ އަދި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ޚިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް