ފެނާއި ގޭސް ފަދަ ތަކެތި އުފުލަން ވަކި ގަޑިތަކެއް ކަނޑައެޅުމަށް ފަހު އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ބުނީ އެ ނިންމުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ. އެކަމަކު މިއަދު ބުނީ އެ ގަވައިދަށް އަމަލު ކުރަން ފަށާނެ ވަކި ދުވަހެއް ފަހުން ހާމަ ކުރާނެ ކަމަށެވެ.
އެ ނިންމުން ބަދަލު ކުރި ސަބަބު ހާމަ ނުކުރާއިރު ފަހުން އެ ގަވައިދަށް އަމަލު ކުރާއިރު ބަދަލުތަކެއް އަތުވެދާނެ ކަމަކަށްވެސް ނުބުނެ އެވެ.
އެ އޮތޯރިޓީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލޭގައި އެކި ތަންތަނަށް އުފުލާ ތަކެތި އާދިއްތަ ދުވަހުން ފެށިގެން އުފުލޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 11:00 އަށް، މެންދުރު ފަހު 3:00 ން ހަވީރު 5:00 އަށް އަދި އިރުއޮއްސި 6:30 ން ހެނދުނު 6:00 އަށް ކަމަށެވެ.
ވަކި ގަޑިތަކުގައި އުފުލޭގޮތަށް ހަމަޖައްސާފައިވަނީ ފެން، ކައްކާގޭސް، އެކިއެކި ބުއިންތަކާއި، އެހެނިހެން މުދަލެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މި ތަކެތީގެ ތެރޭގައި ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ގެންދާ މުދާ ނުހިމެނޭނެ ކަމަށް ބުނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން އިއްޔެ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް