މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކެއް އަތުލައިގަނެ، އެ މީހުންގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުސް އޮފީހުން ބުނީ އެތަކެއްޗާއި މީހުން އަތުލައިގެންފައިވަނީ ބުދަ ދުވަހުގެ ރޭ ފަސް ގަޑިއިރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ. އެ މައްސަލައިގަ ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ދެ ކުޑަކުދިންނާއި 18 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްުޔަރުކޮށްފައި އެވެ.
ފުލުހުން ބުނިގޮތުގައި އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ބެލެވެނީ ބިދޭސީ މީހާ އެވެ.
ފުލުހުން ބުނި ހައްޔަރު ކުރި ކުޑަކުދިންގެތެރޭގައި ހިމެނެނީ 15 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އަދި ހައްޔަރުކުރި 18 އަހަރުގެ މީހާ އަށް ބިދޭސީ މީހާ މަސްތުވާތަކެތި ފޯރުކޮށްދެމުން އަންނައިރު، އެ މީހުން އަތުލައިގަތީ، ތަފާތު ތިން ސަރަހައްދެއްގައި މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހ. ޒާ ގެސްޓް ހައުސް ބަލައި ފާސްކޮށް އެތަނުން 50 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 15 އަހަރުގެ ފިރިހެން ކުއްޖާއާއި 17 އަހަރުގެ އަންހެން ކުއްޖާ ކަމަށެވެ.
އެ ދެ ކުދިން ހައްޔަރުކޮށް ލިބުނު މައުލޫމާތުގެ އެހީގައި 18 އަހަރުގެ މީހާ ފުލުހުން ހައްޔަރު ކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 33 ސެލޯފިންކޮޅާއި 16 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި ނެޓްވޯކްގައި އެ މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދޭ ކަމަށް ބެލެވޭ ބިދޭސީ މިހާ ހައްޔަރުކުރިއިރު، ފުލުހުން ބުނިގޮތުގައި، އޭނާގެ އަތުން 50 ގްރާމްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އޭނާ ދިރިއުޅޭ ކޮޓަރިތެރެ ބަލައި ފާސްކުރިއިރު 1 ކިލޯ 300 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 17 އަހަރުގެ އަންހެން ކުއްޖާ ވަނީ މީގެކުރިން މަސްތުވާތަކެތީގެ ތުހުމަތުގައި ފަސް ފަހަރު ހުއްޓުވައި ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި 15 އަހަރުގެ ފިރިހެން ކުއްޖާ އަކީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 12 ފަހަރު ހުއްޓުވައި ސުވާލުކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވެގެން ހަތަރު ފަހަރު ފިޔަވަޅު އަޅާފައިވާ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި 18 އަހަރުގެ ފިރިހެން މީހާއަކީ 27 ފަހަރު ބަލައި ފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވެގެން ފިޔަވަޅު އަޅާފައިވާ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް