ނާޒިމް މިނިވަން ކުރަން އިމްރާން ގޮވާލައްވައިފި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް މިނިވަން ކުރުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ގޮވާލައްވައިފިއެވެ. ނާޒިމް މިނިވަން ކުރެއްވުމަށް އިމްރާން ގޮވާލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އ...

21 Feb 2015 | 07:09

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް މިނިވަން ކުރުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ގޮވާލައްވައިފިއެވެ.

ނާޒިމް މިނިވަން ކުރެއްވުމަށް އިމްރާން ގޮވާލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އިމްރާންގެ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްގުތައް ކަށަވަރުކޮށް، ޔަގީން ކޮށްދިނުމަށްޓަކައި ނާޒިމް މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.

https://twitter.com/ShImranAb/status/568958697474387969

މީގެ ކުރިންވެސް އިމްރާން ވަނީ ނާޒިމްއާއި ދެކޮޅަށް ފުލުހުން ކުރަމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައި އެވެ.

އެގޮތުން  އިމްރާން މީގެކުރިން ކުރެއްވި ޓުވީޓުތަކުގައި ވިދާޅުވެފައިވަނީ ނާޒިމަކީ އަނިޔާ ލިބިގެންވާ މީހެއް ކަމަށާއި، އަނިޔާ އާއި އަަބަދުވެސް ދެކޮޅު ހަދާ ކަމަށެވެ. އަދި ވެރިކަން ހޯދުމަށް މީހަކު މެރުމަށް ނާޒިމް ނުރާވާނެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރާ ކަމަށްވެސް އިމްރާން ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ނާޒިމްގެ މައްޗަށް އަނިޔާވެރި ތުހުމަތުތަކެއް ކޮށްފައިވާ ކަން ދަންނަ ޕީޕީއެމްގެ އިސް ބޭފުޅުންވެސް އެބަ ތިއްބެވި ކަމަށާއި، އެކަމާ އެބޭފުޅުންވެސް ކަންބޮޑުވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ނާޒިމް ހައްޔަރުކޮށްފައިވަނީ އިތުރު ބަޔަކާއިއެކު ދައުލަތާއި އިދިކޮޅު ހަރަކާތެއް ހިންގަން ރޭވި ކަމުގެ ތުހުމަތުގައި ފެބްރުއަރީ 10 ވަނަ ދުވަހުގެރެއެވެ

ނާޒިމް ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ނާޒިމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް ހައި ކޯޓުން ވަނީ ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކޮށްދެވެން ނެތް ކަމަށް ހުކުމް ކޮށްފައެވެ.

ނާޒިމްގެ ގާނޫނީ ޓީމުން މިހާރު ދަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް