މީގެ ދެ އަހަރު ކުރިން ވަޅިން ހަމަލާދީ މަރާލި މއ. އައިޝާ، ހުސައިން ވަހީދު 21، ގެ ވާރިސުން ހޯދަން އިއުލާންކޮށްފި އެވެ.
ޖުވެނައިލް ކޯޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުސައިން ވަހީދުގެ އެއްވެސް ވާރިސަކު ހުރިނަމަ އެފަރާތެއްގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު 30 ދުވަހުގެ ތެރޭގައި ލިޔުމުން އެ ކޯޓަށް އަންގައި ދިނުމަށް އެދޭ ކަމަށެވެ. ހުސައިން ވަނީދު މަރާލާފައިވަނީ 2013 ޑިސެމްބަރު 24 ވަނަ ދުވަހުގެ ރޭ މައްޗަންގޮޅި ބުރުޒު މަގުގައި ހުންނަ "ކޮފީ ކޯނާ" ރެސްޓޯރެންޓް ސަރަހައްދުގައި ހުންޓައެވެ.
ހުސައިން ވަހީދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ 16 އަހަރުގެ ދެ ކުއްޖެއްގެ މައްޗަށެވެ.
އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު އެކުއްޖާ އިން ސައިކަލަށް ވަޅި ހެރި ކުއްޖާ އެރުމުން އެ ކުއްޖާ ގޮވައިގެން އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ މައްސަލަ ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގާނިމިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް