ހދ. ނޮޅިވަރަންފަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު އަންހެން ފަތުރުވެރިއަކަށް ޖިންސީ އަނިޔާއެއް ދިނުމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ އިއްޔެ މެންދުރު 2:45 ހާއިރު އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ބީޗުގައި އިންދާ އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންހެން ފަތުރުވެރިއަކަށް ހަމަލާދީ ޖިންސީ އަނިޔާކުރަން އުޅުނު ހުތުރު އަމަލަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ހިތާމައެއް ކަމަށެވެ. އަދި ރަށުގެ ރީތި ނަމަށް ލިބިގެންދިޔަ ހުތުރު ކިލަނބުކަމެއް ކަމަށެވެ.
"އެ މުޑުދާރު އަމަލު ކުށްވެރިކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަން، އަދި މިފަދަ އަމަލުތައް ތަކުރާރު ނުވާނެގޮތަށް ބަލައި ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން" އެ ކައުންސިލުން ބުނެފައިވެއެވެ.
އެ ކައުންސިލުން ފާހަގަކޮށްފައިވާގޮތުގައި ނޮޅިވަރަންފަރަކީ، ރިސޯޓުތަކާއި ގެސްޓްހައުސް ހިންގާ ގިނަ ބަޔަކު ޝައުގުވެރިވާ، ލޯކަލް ޓުއަރިޒަމް ދާއިރާ ފުޅާވެ ފައްކާވަމުން އަންނަ އެންމެންގެ މެދުގައި މަގުބޫލު ރީތި ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް