ސިންގަޕޫރުގައި ކުޑަކުދިން ސްކްރީންތަކަށް ހުށަހެޅޭ މިންވަރު ދަށްކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް އާ އިސްލާހެއް ގެނެސްފިއެވެ.
މިއަދު ގެނެސް، ފެބްރުއަރީ އެކަކުން ފެށިގެން އަމަލުކުރަން ފަށާ އެ އިސްލާހުގައިވާގޮތުން އުމުރުން 18 މަހުން (އެއް އަހަރާ ހަމަސް) ދަށުގެ ކުއްޖަކަށް ސްކްރީން އެއްވެސް ހާލަތެއްގައި ދައްކައިގެން ނުވާނެއެވެ. ބެކްގްރައުންޑުންވެސް ސްކްރީނެއް ފެނިގެން ނުވާނެއެވެ.
މައިގަނޑު ގޮތެއްގައި މި ގައިޑްލައިނަށް ހަރުކަށި ގޮތެއްގައި އަމަލުކުރަންޖެހެނީ ކުޑަކުދިން ބަލައިދޭ ނާސަރީ އާއި ސްކޫލު ފަދަ ތަންތަނަށް ނަމަވެސް އާންމު ގެތަކުގައިވެސް މި އުސޫލު ހިފެހެއްޓުމަށް ބާރު އަޅާފައިވެއެވެ.
އުމުރުން 18 މަސް ނުފުރޭ ކުއްޖަކަށް ސްކްރީން ދެއްކުން މަނާކަމަށް ކަނޑައަޅާއިރު އުމުރުން 18 މަހާއި ހަ އަހަރާއި ދެމެދުގެ ކުދިންނަށް ސްކްރީން ދައްކަންވާނީ ހަމަ އެކަނި އުނގަންނައިދިނުމުގެ ބޭނުމުގައި ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ކުދިން ސްކްރީނަށް ހުށަހެޅޭ މިންވަރު ދަށްކޮށްދޭ އުސޫލަށް ގެނައި އަނެއް އިސްލާހަކީ ސްކޫލުން ބޭރުގައިނަމަ އުމުރުން ތިން އަހަރާއި ހަ އަހަރާއި ދެމެދުގެ ކުދިންނަށް ސްކްރީން ދެއްކޭނީ އެއް ގަޑިއިރަށް ކަމަށާއި އަދި އުމުރުން ހަތް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ސްކޫލު ނޫން ގަޑިތަކުގައި ސްކްރީން ދެއްކޭނީ ދެ ގަޑިއިރަށް ކަމަށް ނިންމި ނިންމުމެވެ.
ކުދިންނަށް ކޮންޓްރޯލެއް ނެތި މޯބައިލް ޑިވައިސަސް ނުދިނުމަށާއި ސޯޝަލް މީޑިއާގެ އެއްވެސް މަންސައަކަށް ވަނުމުގެ ފުރުސަތު އުމުރުން 12 އަހަރުން ދަށުގެ ކުއްޖަކަށް ނުދިނުމަށް އެ އުސޫލުގައި ބާރުއަޅާފައިވެއެވެ.
އުމުރުން 12 އަހަރުން ދަށުގެ ކުދިން ސްކްރީނަށް ހުށަހެޅޭ މިންވަރު މަދުކުރުމުގެ އުސޫލެއް އެކުލަވާލައި ސިންގަޕޫރުން އަމަލުކުރަން ފެށީ މާރިޗް 2023 ގައެވެ. އެ ތާރީހުން ފެށިގެން މިއަދާއި ހަމައަށް ހެޔޮ ބަދަލެއް ގެނެވިއްޖެކަން ތަފާސް ހިސާބުތަކުން ދައްކާކަން ސިންގަޕޫރުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް