ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ރ. ވާދޫއަށް ވި ވައުދުތައް އަލުން އާކޮށް އެ ހުރިހާ ވައުދެއްވެސް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް އެމަނިކުފާނު އަރުވައިފިއެވެ.
ރައީސް އެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވީ މިއަދު ހެނދުނު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަށުން ރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ ވައުދު
ރައީސް ވިދާޅުވީ ކައުންސިލުން ގޯތި ދޫކުރުމަށް ނިންމާފައިވީ ނަމަވެސް، ކުނިކޮށީގެ މައްސަލަ ހުރުމުން އެކަން ލަސްވެފައިވާކަމަށާއި އެހެންނަމަވެސް، ކުނިކޮށީގެ މައްސަލަ އަވަހަށް ހައްލުކުރެވި، ބަދަލުކުރެވި، ދާއިމީ ހައްލެއް ގެނެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށާއި އެކަން ނިމުމުން، ގޯތި ދޫކުރުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ވައުދު
ގިރާ ސަރަޙައްދުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމް.ޓީ.ސީ.ސީ.އަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޮޑުހިލައިގެ މައްސަލަ ކަމަށެވެ. އެ ސަބަބާހުރެ ގިނަ މަޝްރޫޢުތައް މަޑުޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އެ މައްސަލަ ޙައްލުކުރުމަށް ފިނޭންސް މިނިސްޓްރީ، އެމް.ޓީ.ސީ.ސީ އަދި އެސް.ޓީ.އޯ ގުޅިގެން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. ބަލްކްކޮށް ބޮޑު އަދަދެއްގެ ބޮޑުހިލަ ގެނެސް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ރޭވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބޮޑުހިލައިގެ މައްސަލަ ޙައްލުވުމުން، އެ ރަށުގެ ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢުވެސް އަވަސްވެގެންދާނެކަން ފާހަކުރެއްވިއެވެ. ހަމައެއާއެކީގައި، ބަނދަރު ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.ން ދެން ފަށައިގެން ކުރިއަށްދާއިރުގައި، އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން ރަށުގެ ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރުވެސް ހަދައިދޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ސުކޫލަށް ކޮމްޕިއުޓަރ ލެބާއި ސްޓާފްރޫމްގެ ވައުދު
ސްކޫލަށް ބޭނުންވާ ކަންތައްތައް، ޚާއްޞަކޮށް އިތުރު ކޮމްޕިއުޓަރ ލެބާއި ސްޓާފްރޫމް ޤާއިމުކުރުމަށް، ކައުންސިލުގެ އެދުމުގެ މަތިން މަގުފަހިކޮށްދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވުޒާރާތަކުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމާއެކު، ރަށުގެ ތަރައްޤީއަށް ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަކުރައްވައި އޭގެ ތެރޭގައި ސްކޫލުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުންވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސްޓާފް ރޫމާއި ކޮމްޕިއުޓަރ ލެބްގެ ވާހަކަ ފާހަގަކުރެއްވިއެވެ.
ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރު ކުރުމާއި ލެބޯރެޓަރީގެ ވައުދު
ޞިއްޙީ ދާއިރާގައި، މަރުކަޒުތަކުގެ ވަސީލަތްތައް އިތުރުކުރުމާއި، ހުރިހާ ރަށެއްގައި ލެބޯރެޓަރީ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެކަން ފާހަގަކުރައްވައި އަދި ޚިދުމަތްދޭ ވަގުތު އިތުރުކުރުމާއެކު، އިންސާނީ ވަސީލަތްތައްވެސް އިތުރުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގައި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެވޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެރުވިއެވެ.
އެ ވައުދުތަކުގެ އިތުރުން އެ ރަށުގެ ބޮޑުދަނޑު ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ބޭނުންވާ ކަންކަން ހަމަ ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ދެންނެވި ހުރިހާ ދާއިރާއަކުން ކުރަންހުރި ކަންކަން، މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެނިގެންދާނެ ކަމަށާއި ދެންނެވި ގޮތަށް ހިނގާ ތަނާއި އަދި ނިމިގެންދާ ތަން ފެންނާނެ ކަމަށެވެ.
މީގެ އިތުރުން މި އަހަރު ނޫނީ އަންނަ އަހަރު އެ ރަށުގެ ބިން އިތުރު ކުރުމުގެ ވައުދުގެ މަސައްކަތްވެސް ފެށިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް