ޕީއެންސީގެ މެމްބަޝިޕް ފޯމްތަކަކާއެކު ޑީއެންއާރުގެ މީޓިން ރޫމްގައި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ޑީއެންއާރްގެ ވެރިޔާ އަދި ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ ފެންނަ ފޮޓޯތަކެއް ދައުރުވެފައިވާއިރު އެ ދުވަހު އެތަނަށް ވަޑައިގެންނެވީ ޕިއްޒާކާން ކަމުގައި އާލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޑީއެންއާރްގެ މަސައްކަތްތައް ކުރިއަށްދާގޮތް ދައްކާލުމަށް މީޑިއާތަކަށް ދައުވަތު ދެއްވުމުން މީޑިއާތަކުން ގޮސް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އާލީ ތަކުރާރުކޮށް ވިދާޅުވީ އެ ފޮޓޯތަކުން އޭނާ ފެންނާނީ ޕިއްޒާ ފަރީއްކުޅުވަން އިންދާ ކަމަށެވެ.
އާލީ މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ކުރިން މީޑިއާއަކަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނުވެސް އެ މީޓިން ރޫމަށް ދުރުވީ ޕިއްޒާގެ ދައުވަތު ލިބިލެއްވުމުން ކަމަށެވެ.
އެހެން ނަމަވެސް ދައުރުވި ފޮޓޯތަކުގައި ދެ ކުލައިގެ ދެ ޓައީއެއް މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވި ފޮޓޯތައް ހިމެނޭއިރު އެއީ ދެ ދުވަހެއްގެ ފޮޓޯތައް ކަމުގައި ބެލެވެއެވެ. އަދި ޕިއްޒާ ފެންނަ ފޮޓޯއަކާއި ޕިއްޒާ ނުފެންނަ ފޮޓޯއަކުންވެސް ޑީއެންއާރްގެ ވެރިޔާ އާލީ އިންނަވާތައް ފެނެއެވެ.
މިއަދު ނޫސްވެރިންގެ ސުވާލުތައް މާ ގިނަ ވާން ފެށުމުން އަދި ޖަވާބުދޭން ދަތިވާން ފެށުމުން ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް އާއި އަހްމަދު އާލީ ވަނީ ނޫސްވެރިންގެ އެ މާލަން ދޫކުރައްވައި އެތެރެއަށް ވަޑައިގެންފައެވެ. އެތެރެއަށް ވަޑައިގެންނެވީ ނޫސްވެރިން އެ ދެބޭފުޅުންގެ ގަމީސްކޮޅުގައި ހަރުކުރެއްވި މައިކާވެސް އެކުގައެވެ.
ނޫސްވެރިންނަށް އެ މީޓީން ރޫމު ދައްކާލާފައިވާއިރު ނޫސްވެރިންނަށް ދޭން ޕިއްޒާވެސް އެ މީޓީން ރޫމުގައި ބަހައްޓާފައި ހުއްޓެވެ. އަދި ފޮޓޯތަކުން ފެންނަ ރޫމަކީ އެ ރޫމުކަން ޑީއެންއާރުން ކަށަވަރުކޮށްދިންކަމުގައިވެސް އެ ނޫސްވެރިންގެ އެ ބައްދަލުވުމަށްދިޔަ ނޫސްވެރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް