ހިންދޫ ފާދިރީ "މާސްޓަރ ދުރްގާ" އަތުލައިގަތުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި

ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތް ދެމުން އަންނަކަށް ބުނާ "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށްކިޔާ މީހަކު އަތުލައިގަތުމުގެ މަސައްކަތް ފަށައިފިކަމުގެ އިޝާރާތެއް ފުލުހުން ދީފިއެވެ. ފުލުހުން ދެންމެ މީޑ...

21 Jan 2025 | 06:01

ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތް ދެމުން އަންނަކަށް ބުނާ "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށްކިޔާ މީހަކު އަތުލައިގަތުމުގެ މަސައްކަތް ފަށައިފިކަމުގެ އިޝާރާތެއް ފުލުހުން ދީފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށާއި މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

"ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން، އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފިނަމަ ލަސްނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން" ފުލުހުން ބުނެފައިވެއެވެ.

ދައުރު ނޫހުގައި މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި ހިންދޫ ފާދިރިއަކު ހުޅުމާލޭގައި ގާއިމުހުރެ ރޫހާނީ ފަރުވާ ހޯދައިދޭކަމަށްބުނެ އަންނަނީ އިސްތިހާރު ކުރަމުންނެވެ. މީގެ ދެ ދުވަސް ކުރިން ރާއްޖެ އައި އެމީހާ ސެޝަނަކަށް 300 ގެ މަގުން މިހާތަނަށް 60 އެއްހާ މީހުންނަށް ޚިދުމަތް ދީފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް