ވާހަކަ: ލޯބިވޭ އިންތިހާ – ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ވިންދު އަވަސްވެފައިވާ ނޫރާގެ ހިތް، ހީވީ ފުންމައިގެން ބޭރަށް ނުކުމެދާނެހެނެވެ. ނޫރާއަށް އޭނާގެ ދަބަސް ގަޔާލާ ބޮނޑިކޮށްލެވުނެވެ. އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އެ ޒުވ...

21 Jan 2025 | 05:25

ކުރީގެ އަދަދާއި ގުޅޭ...

ވިންދު އަވަސްވެފައިވާ ނޫރާގެ ހިތް، ހީވީ ފުންމައިގެން ބޭރަށް ނުކުމެދާނެހެނެވެ. ނޫރާއަށް އޭނާގެ ދަބަސް ގަޔާލާ ބޮނޑިކޮށްލެވުނެވެ. އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އެ ޒުވާނާ ކައުންޓަރާ ދިމާއަށް އަންނަތަން ފެނުމުން، ގޮތް ހުސްވެފައިވާ ނޫރާގެ ހަށިގަނޑުން ވަރު ދޫވާންފެށިހެން ހީވިއެވެ. ނިތްކުރިމަތިން ދާތިކިތައް ފާއްދާލީ ކަންބޮޑުވުމާ ލިބުނު ހާސްކަމުގެ ސަބަބުންނެވެ.

މިފަދަ ވަގުތެއް އަތުވެދާނެކަމަށް ވިސްނާނެ ވަގުތެއް ނުލިބި ހުއްޓާ ވާން މިއުޅޭނީ ކިހިނެތްބާއެވެ. އެ ޒުވާނާ، ކައުންޓަރާ ކައިރި ވަމުން ދިޔަ ވަރަކަށް ނޫރާގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސްވަމުންނެވެ.

ޒުވާނާ އައިސް ކައުންޓަރުކައިރީގައި ހުއްޓުނެވެ.

'' ސެންޓް ހުރީ ކޮންދިމާލެއްގަ.............'' ޒުވާނާ ނިކަން ސާދާ ގޮތަކަށް އަހާލިއެވެ.

''އެހެރީނު......... މިތަނަށް ވަންނަތަނުން ފެންނަން......... '' ސެންޓް ފުޅިތައް ބަހައްޓަފައި ހުރި ހަރުގަނޑާދިމާއަށް ނިތް އެއްލަމުން، ނާޝިދާ ޖަވާބު ދިނެވެ.

''އާނ..... އެބުނާހެން......... މިހިރީ ދޯ ދިމާލަށް ފެންނަން........ތޭންކްސް އިނގޭ.......'' ޒުވާނާ ސެންޓްފުޅިތައް އަތުރާފައި ހުރި ހަރުގަނޑާ ދިމާއަށް ހިނގައިގަތެވެ. ގަނޑުވެފައިހުރި ނޫރާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ޒުވާނާއާ ދިމާލަށް ނޫރާއަށް ބަލާލެވުނެވެ.  ސިއްރު ސިއްރުންނެވެ. ނުބަލާކަމަށް ހެދިގެން ހުރެ ނޫރާއަށް އެ ޒުވާނާއާ ދިމާއަށް ބެލެނީއެވެ. ޒުވާނާ ހުރީ ފުރަގަސް ދީގެން ކަމަށްވިޔަސް ނޫރާގެ ލޯ އެހެން ދިމާއަކަށް ފޯކަސް ވާހެނެއް ހިޔެއް ނުވެއެވެ. މިކަން ނާޝިދާ ދެނެގަންނާކަށް ގިނައިރެއް ނުނެގިއެވެ.

''އައްދެ.......ހާދަ ވަރަކަށް ތި ބަލަނީ؟........ކަމުދިޔައީތަ........ އެވެދާނެ މީހެއްގެ ފިރިޔަކަށްވެސް...........'' ނޫރާގެ ކައިރިއަށް ޖެހިލަމުން ނާޝިދާ ސަމާސަކޮއްލިއެވެ.

''ނުބަލަން.......'' ނޫރާ އަވަސް އަވަހަށް އެސްފިޔަތަށް ތިރިކޮށްލިއެވެ. ކުޑަކުއްޖެއްފަދައިން އޭނާ އިސްޖަހާލަމުން ދިނީ ނިކަންކުރު ޖަވާބެކެވެ.

ނާޝިދާއަށް އޭނާ ބަލާކަން އިތުރަށް އެނގިދާނެތީ، ނޫރާއަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އެ ޒުވާނާއާ ދިމާލަށް ނުބަލާ ހުންނަން ނޫރާ ބޭނުންވިއެވެ. އެހެނަސް އެކަން ވީ އުނދަގޫ ކަމަކަށެވެ. އެކަމަކުވެސް ނޫރާ ހިތްވަރު ކުރިއެވެ.

ނޫރާ ގަޔާލާ ބޮނޑިކޮއްލައިގެންހުރި ދަބަސް ގަޔާ ދުރުކޮއްލިއެވެ. އަދި ފިނިވެފައިވާ އޭނާގެ އަތްތިލަ ދަބަސްތެރެއަށް ކޮއްޕާލުމަށްފަހު އޭގެ ތެރޭގައި އޮތް އައިޑީކާޑު ނެގިއެވެ. ނާޝިދާއަށް ނުފެންނާނޭހެން އަވަސް ހަރަކާތަކާއެކު އެ ކާޑު ނޫރާ ލައިގެންހުރި އަބާޔާގެ އަރިމަތީ ޖީބަށް ވައްޓާލިއެވެ.

އެވަގުތު ޒުވާނާ ކައުންޓަރު ކައިރިއަށް އައެވެ. ހައެއްކަފުޅި ސެންޓާ އެކިވައްތަރުގެ ބޮޑީސްޕްރޭ އޭނާ ނަގާފައިހުއްޓެވެ.

''ހާދަބައިވަރެއް........'' ކުރިމަތީގައި ހުރި ވަށިގަނޑަށް ބަލާލަމުން ނާޝިދާ ބުނެލިއެވެ. ހީވަނީ ދެކެފަރިތަ ރައްޓެއްސަކާ ދިމާއަށް ބުނެލިހެނެވެ.

''ގިނައީ ދޯ....... މިއުޅެނީ ފުރަން........ އެހެންވެ މިރަށުން ދިމާވި ރައްޓެހިންނަށް ހަދިޔާއެއް ދޭންވެގެން ގަނެލީ........'' ޒުވާނާ ހިނިތުންވެލިއެވެ.

''އެހެންތަ.......؟ ރަނގަޅު...... ރަނގަޅު.......ތިޔަހެންވާންޖެހޭނެ...... '' ޒުވާނާ ގެނައި ވަށިގަނޑު، ނޫރާ ކައިރިއަށް ޖައްސާލަމުން ނާޝިދާ އޭނާގެ ގޮނޑީގައި ހަމަޖެހިލިއެވެ.

ނާޝިދާ ހަދާނީ މިހެންކަން ނޫރާގެއަށް މާކުރިންވެސް އެނގުނެވެ. އެއީ އާދަވެ އޭނާ ކަން ކުރާގޮތެވެ. ފިހާރައިގައި އިނަސް، ފިލްމު ބެލުމާ ރައްޓެހިންނަށް ގުޅައިގެން، އަނގަތެޅުން ނޫންކަމެއް އޭނާ ނުކުރެއެވެ.

ނޫރާ މަޑުމަޑޫން ވަށިގަނޑު، ގާތަށް ދަމާލިއެވެ. ޒުވާނާވެސް ނޫރާގެ ސީދާ ކުރިމައްޗަށް ޖެހިލިއެވެ. އޭނާ އެހުރީ މިހާރު ސީދާ ނޫރާގެ ކުރިމަތީގައެވެ. ނޫރާގެ ހިތް އަވަސްވަމުންދަނީ އަމަށަކު ވަރަކަށް ނޫނެވެ. އަތްފައި ފިނިވެއްޖެއެވެ. އެހެންވާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ.

ތުރުތުރު އަޅަމުންދިޔަ އަތުން، ނޫރާ ފަހަރަކު ސެންޓު ފުޅިއެއް ވަށިގަނޑުން ނަގަމުން ކައުންޓަރު މޭޒުމަތީ ބަހައްޓަމުންދިޔައެވެ.

''ހަތަރުހާސް ތިންސަތޭކަ ރުފިޔާ'' އިސްޖަހައިގެން އެ ހުރިގޮތަށް ހުރެ މަޑުމަޑުން ނޫރާ ބުނެލިއެވެ. ނޫރާގެ އަޑު ނިކުތީވެސް ނިކަން އުނދަގުލުންހެން ހީވެއެވެ.  އަރުތެރެ ބެދިފައިވާ ކަމުގެ އިހްސާ އޭނާއަށް ކުރެވޭތާ ކިތަންމެ އިރެކެވެ.

''ތެންކިޔޫ..........'' ޒުވާނާ ފައިސާ ދިނުމަށްފަހު ޝުކުރު އަދާކުރިއެވެ. އަދި ކޮތަޅު ހިފައިގެން ނިކުންނަން ހިނގައިގަތެވެ.

''ކޮންއިރަކުން ފުރަނީ.........'' އިންތަނުން ތެދުވަމުން، ނާޝިދާ އެއްވެސް ޖެހިލުމެއްނެތި އަހާލިއެވެ. ހީވަނީ އެޒުވާނާއަކީ ނާޝިދާގެ ދެކެފަރިތަ ރަހްމަތްތެރިއެއްހެނެވެ.  ނޫރާ އިނީ ނާޝިދާ އެ ޒުވާނާއާ ވާހަކަ ދައްކާގޮތުން ހިތްހަމަ ނުޖެހިފައެވެ. ފިހާރައިގައި މީހުން މަދު ވަގުތެއްކަން ނަސީބެކޭ ނޫރާ ހިތަށް އެރިއެވެ.

''މާދަމާ ހަވީރު ފްލައިޓް...........'' ޒުވާނާ ވެސް ނިކަން ގާތްކަމާއެކު ޖަވާބު ދިނެވެ.

''ދެކުދިން ސައިބޯލާ....... ވަރަށް ހެޔޮ ދެކުދިންތީ..........'' އަތުގައި އޮތް ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާ ކައުންޓަރުމަތީ އޭނާ ބޭއްވިއެވެ.

''އަސްލުތަ......... ހާދަ ރަނގަޅޭ......... ތެންކިޔޫ އިނގޭ ވަރަށް ބޮޑަށް.......... '' ނާޝިދާ އަވަސް އަވަހަށް އެ ނޫޓު ނަގަމުން ޒުވާނާއަށް ޝުކުރު އަދާކުރިއެވެ.

''ދެން މި ފްރެންޑްވީ އިނގޭ........ މީ ނޫރާ....... މީނާ މިހެން އެއްޗެއް ނުބުނެ ހުއްޓަސް އަހަރެން ވާހަކަދައްކާނަން'' ނާޝިދާ ހުރީ ނިކަން ހެވިފައެވެ.

''ނޫރާ........ ވަރަށް ރީތި ނަމެއް........'' އިސްޖަހައިގެން ހުރި ނޫރާއަށް ބަލާލަމުން ޒުވާނާ ބުނެލިއެވެ. ނޫރާގެ ނަން ކިޔާލި އިރު އެ އަޑުގައި ހާއްސަ އަސަރުތަކެއް އެކުލެވިފައިވާހެން ހީވެއެވެ.

''މީ ނާޝިދާ...... ވަކި ހުތުރު ނަމެއްތަ؟........'' ނާޝިދާ އޭނާގެ އަމިއްލަ މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ.

''ނޫނޭ ރީތި......... ދެން ދަނީ އިނގޭ..........'' ޒުވާނާ ކޮތަޅު ހިފައިގެން ނިކުންނަން ހިގަގަތެވެ.

''އޭތް....... އަދި މަޑުކޮއްބަލަ..........''  ނާޝިދާ ނިކަން ހުޝިޔާރުކަމާއެކު ޒުވާނާ ހުއްޓުވިއެވެ.

''ނޫރާ އެބައަހާ ކޮންނަމެއްތޯ ކިޔަނީ ޔޫއަށް..........ގޮވާލެވޭނީވެސް ނަން އެނގިގެންނު..........'' ނާޝިދާ ބުނި ޖުމުލަ އަޑު އިވުމުން ނޫރާ އަށް ތެޅިގަނެވުނެވެ. ހާސްވީވަރުންނެވެ. ކުރިންވެސް ކަންބޮޑުވެ ހަދާނެގޮތް ހުސްފވެފައިވާ ނޫރާ ލަދުން ހަލާކުވާވަރު ވިއެވެ.

''ހަމްޒާ.........'' ޒުވާނާ ޖަވާބު ދެމުން ހިނިތުންވެލިއެވެ. އަދި ކޮތަޅު ހިފައިގެން ފިހާރައިން ނިކުމެގެން ދިޔައެވެ.

''ނާޝިދާ.........'' ނޫރާއަށް ގޮވާލެވުނީ އޭނާ ބުނަންބޭނުންވި ވަރަށްވުރެ ބާރަށެވެ.

''ކިހިނެތްވީ.......... ނާޝިދާ ނޫރާގެ މޫނަށް ބަލާލިއެވެ. އެވަގުތު ނޫރާގެ ލޮލުގައިވާ ކަރުނައިގެ އަސަރު ނާޝިދާއަށް ފާހަގަ ކުރެވުނެވެ.

''އަޅޭ........ ކިހިނެއްތަވީ.........އެއްކަލަ ނޫރާ......... މީ ހަމަ ބޭބީ އެއް އަދިވެސް.........'' ނާޝިދާ ނޫރާނެ ބޮލުގައި އަތުން ޖަހާލަމުން މަޑުމަޑުން ބުންޏެވެ.

''އަހަރެންނޭ ކިޔާފައި ކޮންމެހެން އެމީހާ ކައިރީ ބުނަންޖެހޭތަ......... ނާޝިދާ ކުރިޔަސް ތިޔަކަހަލަ ސަމާސާ އަހަންނަކަށް ކަމަކުނުދޭ......... އޭނާ ހީކުރާނީވެސް ކީކޭ..........'' ނޫރާ އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އިނގިލިން ލޮލުގެ ހިމަކޮޅު ފޮހެލިއެވެ.

''ސާބަސް........ އެއީ ސަމާސާއެކޭ......... އޭނާ އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ......... އެކަހަލަ މީހުން ވަރަށް ކޫލް ވާނެ....... މިއޮތީނު ލާރިވެސް ދީފަ.......... ހާފް ހާފް ހަދާލަމާ ހިނގާ.......... އަހަރެން މިހާރުވެސް މިހުރީ ހުސްވެފަ......... ކޮފީއެއް ބޯލާނެ އެއްޗެއްވެސް ނެތް.........'' ފައްސަތޭކައިގެ ނޫޓު ނޫރާއާ ދިމާއަށް ދިއްކޮއްލަމުން ނާޝިދާ ވާހަކަދެއްކިއެވެ. އޭނާ ބޭނުންވީ އަވަހާ އެލާރި ބަހާލާށެވެ.

''ތީ ނާޝިދާއަށް........ އަހަރެން ބޭނުމެއް ނޫން......'' މިފަހަރުވެސް ނޫރާ ދިނީ ކުރު ޖަވާބެކެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 23 ޖެނުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް