އައްޑޫ ބްރިޖު އަޅަން މިސްރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫއާއި ދެމެދު އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވު...

21 Jan 2024 | 15:29

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫއާއި ދެމެދު އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެ ޕްރޮޕޯސަލް އާމެދު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ދީފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބިނަމަ، އެ ބޭފުޅުންނާ މަޝްވަރާކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި." ނާޒިމް ވިދާޅުވިއެވެ."

ހިލޭ ސަރވޭ ކޮށްދިނުމަށް އެ ކުންފުނިން ހުށަހަޅާފައި މިވަނީ މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސަރވޭ ކުރުމަށް 30 މިލިއަން ރުފިޔާ ހިމަނާފައި ވަނިކޮށެވެ.

މި މަޝްރޫއަށް ޗައިނާގެ ކުންފުންޏަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އައްޑޫ ހިތަދޫ-ހުޅުމީދޫ ބްރިޖު ވެގެންދާނީ ރާއްޖޭގައި ހަދާ އެންމެ ދިގު ބްރިޖަށެވެ. މި ބްރިޖުގެ ދިގުމިނުގައި 13-15 ކިލޯމީޓަރު ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް