މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގައި އަރބަން ސެންޓަރުތަކެއް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ނިންމުންތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ގައުމު ތަރައްގީ ކުރުމަށް އަރބަން ސެންޓަރުތަކެއް އެކަށައަޅުއްވާނެ ކަމުގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށެވެ.
ނާޒިމް ވިދާޅުވީ ވަކިވަކި އަރބަން ރީޖަންތަކަކާއި އަދި އަރބަން ސެންޓަރުތަކެއް ކަނޑައެޅުމުގެ ކަންކަން ކުރުމަށާއި، އެކަމަށް ބޭނުންވާ މައުލޫމާތު އެއްކޮށްގެން ތަފްސީލީ ދިރާސާއެއް ހަދައި، ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުދި ކުދި އާބާދީތަކެއްގައި، ކުދިކުދި ރަށްތަކެއްގައި ބަޔަކު އުޅެން ޖެހިފައިވުން ކަމަށެވެ. އަދި ކުދިކުދި ރަށްތަކުގައި އުޅޭ މީހުން އެހެން ތަނަކަށް ހިޖުރަކުރުން ނުވަތަ ދިއުމަކީ ދަތި އުނދަގޫ ކަމެއް ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ސިޔާސަތުތައް އެކުލަވާލުމަށް ނިންމާފައިވަނީ މިކަމަށް ހައްލު ލިބޭނެ ފަދަ ގޮތަކަށް ރައްޔިތުންގެ ބައިވެރިވުން ހިމަނައިގެން ކަމަށެވެ.
އެގޮތުން، ރާއްޖޭގައި އަރބަން ޑިވެލޮޕްމަންޓް ރީޖަނެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ސަރަހައްދުތައް ފާހަގަކޮށް އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް މި ދިރާސާގެ ތެރެއިން ފާހަގަކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިކަން ކުރިއަށްގެންދާނީ އަރބަން ޑިވެލޮޕްމަންޓް ރީޖަނެއްގެ ގޮތުގައި އެ ރީޖަން އެއްގައި ހިމެނޭ ރަށްރަށުގައި ދިރިއުޅޭ އާބާދީ ޖުމްލަ ކުރުން 50000 އަށް ވުރެ އާބާދީ ދަށްނުވާނެ ގޮތްތަކެއް ބަލައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި 50000 ގެ އާބާދީ 2033 ވަނަ އަހަރާ ހަމައަށް ދާއިރު އެ އާބާދީ އިތުރަށް ފުޅާކުރުމަށް އެއް ލައްކައިގެ އާބާދީއަކަށް އޭގެ ރެޒިޑެންޓް ޕޮޕިއުލޭޝަން ގެންދިއުމަށް ސިޔާސަތުތައް އެކަށައަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެ ސަރަހައްދުން ރީޖަނަލް ލެވެލް އެއްގައި ހާސިލްކުރާނެ ނަތީޖާތަކެއް، މިސާލަކަށް މަސްވެރިކަމާއި، ފަތުރުވެރިކަމާ ދަނޑުވެރިކަން ފަދަ ކަންކަމުން އިގްތިސާދީ ނަފާ ހޯދާނެ އިތުރު ގޮތްތަކެއްވެސް މި ސިޔާސަތުތައް އެކުލެވިގެންދާއިރު ކަނޑައެޅުން ހިމެނޭ. މިސާލަކަށް ދަންނަވާނަމަ ތެޔޮ ރައްކާ ކުރާނެ ގޮތާއި އެ ވަސީލަތްތައް ގާއިމްކުރުން. ކާބޯތަކެތި ރައްކާ ކުރާނެ ނިޒާމް އެ ސަރަހައްތުތަކުގައި ގާއިމްކުރުން." ނާޒިމް ވިދާޅުވިއެވެ.
އަރބަން ސެންޓަރާއި ސަބް-އަރބަން ސެންޓަރުތަކުގައި ހުންނަން ޖެހޭނެ ސިފަތައް ނުވަތަ ކްރައިޓީރިއާ އާމެދުވެސް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދީ ގޮތުން ދިވެހިރާއްޖެ ކުރިއަށް ދިއުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ އަރބަން ސެންޓަރުތައް ގާއިމްކުރުން ކަމަށް ކެބިނެޓް ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް